18 Sep 2014, 19:23
އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީއީއައިއެފް) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ އިތުރުން ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް ގުޅިގެން، ހިންގުމަށް ހަމަޖެހިފައިވާ މާސްޓާޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމްއައިއެފްޕީ) ކޯސް 39 ދަރިވަރުންނައެކު އަންނަ ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފި އެވެ.
މިއަދު ވަނީ އެކޯހުގެ އޮރިއަންޓޭޝަން ބާއްވާފައެވެ.
އޮރިއެންޓޭޝަންގައި ވާހަކަ ދައްކަވަމުން ކުއްލިއްޔާގެ ރެކްޓަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، އެ ކޯސް ކުއްލިއްޔާގައި ހިންގޭކަމީ ކުއްލިއްޔާގެ ތާރީހުގައި ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެކޯހުގައި ކުއްލިއްޔާގެ ފަރާތުންވާ އެހީތެރިކަމަކީ އިދާރީ އެހީތެރިކަން ކަމަށާއި އެހެނިހެން ޓެކްނިކަލް އެހީތެރިކަން ވާނީ އައިއެންސީއީއައިއެފް އިން ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
ސީއެމްޑީއޭއިން ބުނީ އެ ކޯހުގައި މައިގަނޑުގޮތެއްގައި ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށާއި ނަމަވެސް ބައެއް ސެޝަންތައް ބޭރުގެ އެކްސްޕާޓުން ރާއްޖެ އައިސް ނަގައިދޭނެ ކަމަށެވެ.
އެ ޕްރޮގްރާމް ރާއްޖޭގައި ހިންގުމުގެ މަގްސަދަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް މީހުން އަހުލުވެރިކުރުމާއި އެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް ކަމަށް ވެސް ސީއެމްޑީއޭއިން ބުންޏެވެ.
"އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ސްޕެޝަލައިޒްވެފައި ވާ ފަރާތްތައް ނެތުމުގެ ދަތިކަން ހައްލުކޮށް މި ދާއިރާއިން ޕްރޮފެޝަނަލް މީހުން ބިނާކުރުމަކީ ވެސް މިކަމުގެ މަގުސަދެއް،" ސީއެމްޑީއޭއިން ބުންޏެވެ.
ސީއެމްޑީއޭއިން ބުނީ، އެ ކޯހުގެ ސަބަބުން ކުރިއަރާފައިވާ ގައުމުތަކުގައި އިސްލާމީ އިގްތިސާދު ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތާއި އިސްލާމީ އިގްތިސާދެއް ބިނާކުރުމުގެ ގޮތުން ރާއްޖޭގެ ހާލަތާގުޅޭ އެކަޑެމިކް ރިސާޗް ހެދުމުގެ މަގު ފަހި ވެގެންދާނެ ކަމަށެވެ.
އެ ކޯހަކީ މެލޭޝިޔާގެ ކޮލިފިކޭޝަންސް އޭޖަންސީއިން މާސްޓާޒް ފެންވަރުގެ ކޯހެއްގެ ގޮތުގައި ގަބޫލުކުރާ ކޯހެކެވެ. އިނގިރޭސި ބަހުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މި ކޯހުގެ މުއްދަތަކީ 18 މަސްދުވަހެވެ.