ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި ހިނގައިދިޔަ ހުޅުޖެހުމުގެ ހާދިސާތަކާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތްތައް ހިންގަނީ ވަކި ފަރާތަކަށް ޖެހިގެން ތިބެ ކަމަށް ބުނެ އެމްޑީޕީން ދެއްކި ވާހަކަތައް ކްރިމިނަލް ކޯޓުން ދޮގުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ދައުލަތުން ދައުވާ ކުރާ ހުރިހާ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި ވެސް ކޯޓުން އަމަލު ކުރާނީ އެއް އުސޫލަކުން ކަމަށާއި ދައުވާ ލިބޭ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީ އާއި ގާނޫނުތަކުން އެމީހަކަށް ލިބިގެންވާ ހައްގުތައް ކޯޓުން ފޯރުކޮށްދޭނެ ކަމަށެވެ.

"ދައުލަތުން ދައުވާ ކުރާ ހުރިހާ މައްސަލަތަކުގެ ޝަރީއަތް ވެސް މި ކޯޓުން ހިންގާނީ އެއް އުސޫލަކުން. ދައުވާ ލިބޭ ކޮންމެ ފަރާތަކަށް ވެސް ގާނޫނު އަސާސީންނާއި ގާނޫނުތަކުން ލިބިދޭ ހައްގުތައް ލިބިގެންދާނެ. ވަކި މީހަކަށް ވަކި ގޮތެއް ހެދުމަކީ ކޯޓުން އަމަލު ކުރާނެ ގޮތެއް ނޫން. މި ކޯޓުން ޝަރީއަތްތައް ހިންގަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެމަތިން. އަދި ކުރިއަށް އޮތްތަނުގައި ވެސް އަމަލު ކުރާނީ އެ އުސޫލުން،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުގައި ސިއްރު ކުރުމަށް ކަނޑައަޅާފައިވާ ބާވަތުގެ ޝަރީއަތްތައް ފިޔަވައި އެހެނިހެން މައްސަލަތަކުގެ ޝަރީއަތް ހިންގަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށާއި ޓެރަރިޒަމްގެ މައްސަލަތަކުގެ ޝަރީއަތް ވެސް ހިންގަނީ ބޭނުން ކޮންމެ މީހަކަށް ޝަރީއަތް އަޑުއެހުމުގެ ފުރުސަތު ދިނުމަށްފަހު ކަމަށެވެ.

"ޓެރަރިޒަމްގެ މައްސަލަތަކުގެ ޝަރީއަތް ވެސް ހިންގަނީ ބޭނުން ކޮންމެ މީހަކަށް ޝަރީއަތް އަޑުއަހަން ވަދެވޭގޮތަށް. 8 ފެބްރުއަރީ 2012 ވަނަ ދުވަހު ހިނގި ހާދިސާތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް އަޑުއަހަން ބޭނުންވާ ކޮންމެ މީހަކަށް އެ ފުރުސަތު އަބަދުވެސް ވަނީ ހުޅުވާލެވިފައި،" މަނިކު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ 8 ފެބްރުއަރީގެ ހާދިސާއާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތްތައް ހިންގަނީ ވަކި ފަރާތަކަށް ޖެހިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަނބުރާ ގެންދިޔުމަށް ގޮވާލާކަމަށެވެ.