18 Sep 2014, 15:38
އދ. މަޖިލިސް (ސެޕްޓެމްބަރ 18) : ސޫރިޔާގެ ތުއްތުކުދިންނަށް ހިމަބިހީގެ ވެކްސިން ދިނުމާއެކު އޭގެ ތެރެއިން 12 ކުއްޖަކު މަރުވި މައްސަލައިގެ ޒިންމާ އުފުލަން ޖެހޭނީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން އުފައްދައިގެންއުޅޭ ވަގުތީ ސަރުކާރުން ކަމަށް އެކުދިންގެ ޢާއިލާތަކުން ބުނެފި އެވެ.
ސޫރިޔާގެ މުސްތަގިއްލު ޖަމާއަތެއް ކަމަށްވާ "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" ޖަމާއަތުން ބުނީ މިމައްސަލައާ ގުޅިގެން ވެކްސިން ޕްރޮގްރާމް މިހާރު ހުއްޓާލާފައިވާ ކަމަށާ މިމައްސަލާގައި އެކުދިންގެ އާއިލާތައް ރުޅިއައުމުގެ އިތުރުން އެމީހުންނަށް އިތުރު ހިތާމަތަކެއް ތަހައްމަލް ކުރަންޖެހިފައިވާ ކަމުގަ އެވެ.
އދ އިން ވަނީ މިމައްސަލަ ތަހްގީގް ކުރަމުންދާކަން ހާމަކޮށްފަ އެވެ. ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހިފައިވާ ސޫރިޔާގެ ތުއްތު ކުދިންގެ ތެރެއިން 1.6 މިލިޔަން ކުދިންނަށް ހިމަބިއްސާއި ޕޯލިޔޯ ފަދަ ބަލިތަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މިއަހަރު ކުރީކޮޅުން ފެށިގެން އދ. އިން ގެންދަނީ ހިންގަމުންނެވެ. ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގަ އާއި އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި ވެސް މިޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވެ އެވެ.
މިޕްރޮގްރާމުގެ ދަށުން ސޫރިޔާގެ އުތުރުގެ އިދްލިބް އާއި އެރަށުގެ ކައިރީގައިވާ ބައެއް ސަރަހައްދުތަކުގައި ހިމަބިހީގެ ވެކްސިން ދިން ކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން ބަލިވެ މީގެ ތެރެއިން 12 ކުއްޖަކު މިދިޔަ ހޯމަ ދުވަހު މަރުވުމާގުޅިގެން އދ. ގެ މަސްއޫލުވެރިން ލަފާކުރައްވަނީ މިއީ މިވެކްސިން ގުދަންކޮށްފައި ހުރިގޮތުން އޭގައި ކެމިކަލް ރިއެކްޝަނެއް ހިނގައިގެން ކެމިކަލް ވިހައެއް އުފެދިގެން ވެފައިވާ ކަމެއް ކަމުގަ އެވެ. އިދްލިބް އަކީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން އުފައްދައިގެންއުޅޭ ވަގުތީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރަށެކެވެ.
އދ. ގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުން ވެކްސިން ދިނުމާ އެކު މަރުވި އަދި ބަލިވި ކުދިންނަށް ދިން ވެކްސިން ރައްކާކޮށްފައި ވަނި ސޫރިޔާގެ އެންމެ ބޮޑު އިދިކޮޅު ޖަމާއަތް ކަމަށްވާ ފްރީސިރިޔަން އާމީ ޖަމާއަތުން އުފައްދާފައިވާ ސޫރިޔާގެ ވަގުތީ ސަރުކާރުގެ ސިއްޙަތާ ބެހޭ އިދާރާގެ ބެލުމުގެ ދަށުންނެވެ. އެހެންކަމުން މިމައްސަލަ ތަހްގީގް ކުރާނެކަން އދ. އިން ވަނީ ހާމަކޮށްފަ އެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް މިކުދިން މަރުވުމުގެ ސަބަބުން ވަނީ އިތުރު ވޭންތަކާއި ކެކުޅުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. (ނޫސްއެޖެންސީތައް)