އައްޑޫ ސިޓީގެ ހަތަރު ރަށެއްގެ ނަރުދަމާ ނިޒާމް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި އެވެ.

އެންވައިރަންމަންޓް މިނިސްޓްރީ އިން މިއަދު ބުނީ އައްޑޫ ސިޓީގެ ފޭދޫ އާއި ހުޅުމީދޫ އާއި މަަރަދޫ ފޭދޫ އަދި މަރަދޫގެ ނަރުދަމާ ޑިޒައިން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ 19ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެކްސްޕްރެޝަން އޮފް އިންޓަރެސްްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މި މަސައްކަތުގެ ތެރޭގައި ޕްލިމިނަރީ ޑިޒައިން އާއި ޑީޓެއިލް ޑިޒައިންގެ އިތުރުން ބިލް އޮފް ކުއަންޓިޓީސް (ބީއޯކިއު) ހެދުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެންވައިރަންމަންޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އައްޑޫގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.

"މުޅި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ހޭދަވާނެ ވަރެއް އެނގޭނީ، މަޝްރޫއުގެ ޕްރޮޕޯޝަލްތައް ހުށަހެޅުމުން،" އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ނަރުދަމާ ނިޒާމް ގާއިމް ގާއިމްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

އައްޑޫ ސިޓީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްްކަތް އެމްޑީޕީ ސަރުކާރުން އިނގިރޭސިވިލާތުގެ ކުންފުންޏަކާ ހަވާލުކުރި އެވެ. ނަމަވެސް އެ މަޝްރޫ އަށް އެ ފަރާތުން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން މަސައްކަތް ހުއްޓި އެއްބަސްވުން އުވާލެވުނީ ބައިވޯޓާ ކުންފުނިން ހަރަދުކުރަން ޖެހޭ 27 މިލިޔަން ޑޮލަރު ހަރަދު ނުކޮށްގެންނެވެ.