ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ސޫރިޔާގެ 16 އަވަށެއް ހިފާފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓްރީފޯ ހިއުމަން ރައިޓްސް އިން ބުނެފިއެވެ.

ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަންރައިޓްސް އިން މިއަދު ބުނީ އައިއެސް އިން ހިފާފައި ވަނީ ކުރުދީން ކޮންޓްރޯލް ކުރާ 16 އަވަށް ކަމަށެވެ. ކުރުދީ ހަނގުރާމަވެރިންނާ ހަވާލާދީ ރޮއިޓާސް ބުނީ ތުރުކީއާ ސޫރިޔާއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އައިނުލް އަރަބް ނަމަކަށް ކިޔާ ރަށާ ދިމާއަށް އައިއެސްގެ ހަނގުރާމަވެރިން ކުރިއަރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ތެރޭގައި އެރަށުގެ ކައިރީގައިވާ 16 އަވަށެއް އެމީހުން ހިފާފައިވާ ކަމަށެވެ.

އޮކަލާން އައިސޯ ނަމަކަށް ކިޔާ ކުރުދީ ހަނގުރާމަވެރިޔަކު ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި ކޮބާނީ (އައިނުލް އަރަބް) ނަމަކަށް ކިޔާ ރަށުގެ ކައިރީގައި އައިއެސް ހަނގުރާމަވެރިން ދަނީ ޓޭންކް ފަދަ ބަރު ހަތިޔާރުތައް ބޭނުންކޮށްގެން ހަނގުރާމަކުރަމުންނެވެ.

އައިއެސް އިން އަވަށްތައް ހިފުމުގެ ތެރޭގައި މީހުން މަރުވި ކަމެއް، މަރުވި ނަމަ މަރުވީ ކިތައް މީހުން ކަމެއް އެއްސް ސޯސް އަކުން އަދި ނުބުނެއެވެ.

އައިއެސް އިން އަވަށްތައް ހިފާފައި މިވަނީ އިރާގާއި ސޫރިޔާ ސަރުކާރުގެ ސިފައިން އެޖަމާއަތާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުން ދަނިކޮށެވެ. އެގޮތުން ހަލަބުގައި ސޫރިޔާ ސިފައިން ދިން ހަމަލާތަކުގައި އަންހެނަކާއި ދެކުޑަކުދިން ހިމެނޭ ގޮތުން 17 މީހުން މިއަދުވެސް މަރުވި ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުންޏެވެ.