18 Sep 2014, 15:18
ޣައިރު ގާނޫނީ ހަޅުތާލެއް ޓީޗަރުން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީ އިން ބުނެފި އެވެ.
އެ އޮތޯރިޓީ އިން ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އާތިފު އަބުދުލް ހަކީމަށް މިދިޔަ އަންގާރަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އިޖުތިމާއީ އަދި އިގުތިސާދީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ ކުރުމަށް ރާވާފައިވާ ހަޅުތާލަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރެވޭ ސުލްހަވެރި ހަޅުތާލެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
"އެހެން ކަމުން ޣައިރު ގާނޫނީ ހަޅުތާލެއް ކުރެވޭ ނަމަ އެ ގަވާއިދުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ފިޔަޅު އެޅޭނެ ކަން ހަޅުތާލުގައި ބައިވެރިވާން ބޭނުންވާ އެންމެހައި ޓީޗަރުންނަށް ތިޔަ އެސޯސިއޭޝަނުން އަންގަވައިދެއްވުން އެދެމެވެ." އެ އެސޯސިއޭޝަންގެ ރައީސް އަށް ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީ އިން ބުނީ ޓީޗާސް އެސޯސިއޭޝަނުން ފާހަގަކޮށްފައިވާ ކަންތައްތަކާ ބެހޭ ގޮތުން ސުކޫލްތަކުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ސީއެސްސީ އިން ވެސް މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި އެ އޮތޯރިޓީ އިން ބެލިބެލުމުން ޓީޗާސް އެސޯސިއޭޝަނުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ މަދު ސުކޫލެއްގައި ހިނގަމުންދާކަން ފާހަގަކުރެވިފައި ހުރި ކަންތައްތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ޓީޗާސް އެސޯސިއޭޝަނުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭ ވަޒީފާގެ އެއްބަސްވުން ނެތުމާއި ވަޒީފާގެ ބަޔާންނެތުމާއި އިތުރުގަޑީގައި ފައިސާ ހަމަޔަށް ނުލިބުމުގެ އިތުރުން މުވައްޒަފުންގެ އެޕްރައިޒަލް ކަންތައް ގަވާއިދާ އެއްގޮތަށް ނުގެންދިއުން ހިމެނެ އެވެ.