18 Sep 2014, 15:16
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެންމެ ބޮޑު ސަމާލު ކަމެއް ދެނީ މާލޭގެ މަގުތަކުގެ މައްސަލައާއި ކުނީގެ މައްސަލަ ހައްލު ކުރުމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލްއިން ވޭތުވެދިޔަ ހަ މަސް ދުވަސް ތެރޭގައި ކުރެވިފައިވާ މައްސަކަތުގެ މައުލޫމާތު މާލޭގެ ރައޔިތުންނާއި ހިއްސާ ކުރުމަށް ސިޓީ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށްޓަކައި 250 ވޯކިންގް ސްޓޭޝަނަކުން ހިދުމަތް ފޯރުކޮށް ދެމުން އަންނަ ކަމަށެވެ. އެގޮތުން ކައުންސިލްގެ ފަރާތުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ މާލޭގެ ކުނީގެ މައްސަލަ ހައްލު ކުރުމަށާއި ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ކަމުގައި އޭނާ ވިދާޅުވި އެވެ.
"އެނގިވަޑައިގެންނަވާނެ ފަދައިން ވަރަށް ގިނަ ހިދުމަތްތަކެއް އަޅުގަނޑުމެންނަށް އެބަދެވޭ. ގާތްގަޑަކަށް 250 ވޯކިން ސްޓޭޝަން މުޅި ސިޓީ ކައުންސިލްގެ ތެރޭގައި ގާއިމް ކުރެވިގެން ތަފާތު އެކި ހިދުމަތްތަކެއް އެބަދެވޭ ސިޓީ ކައުންސިލްގެ ފަރާތުން. އޭގެ ތެރޭގައިއިން އަޅުގަނޑު ފާހަނގަކޮށްލަން އެންމެ ބޮޑު ބުރަ މަސައްކަތަކީ ކުނީގެ މައްސަލަ ދެން މާލޭގެ މަގުތަކުގެ މައްސަލަ. އަޅުގަނޑުމެންގެ އެންމެ ބޮޑު ފޯކަސް އަކީ އެ ދެ މައްސަލަ ހައްލު ކުރުން" ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރެވިފައިވާ ފަންޕްތައް މަރާމާތު ކުރުމަށް މިހާރު އެމްޑަބްލިޔުއެސްއީއާ އެކު އެއްބަސްވުމެއްވެވިފައިވާ ކަަމަށެވެ.
ފެން ޕަންޕްތައް މަރާމާތުކުރުމަށްޓަކައި 10 ހަފްތާ ބޭނުންވާނެ ކަަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށާއި އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް މަލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެ ލިބިގެންދާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްއީ އިން ޕަންޕްތައް މަރާމާތުކުރިނަމަވެސް މަލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އެއްކޮށް ހަލެއް ލިބިގެން ނުދާނެ ކަމަށާއި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރެވޭނީ މާލޭގެ ހުރިހައި މަގުތަކެއް އަލުން މަރާމާތުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑެޕިއުޓީ މޭޔަރު ވިދާޅުވީ މާލޭގެ މަގުތައް ކުނިކެހުމުގެ މަސައްކަތް ބިޒްނަސް އިމޭޖް ގުރާޕާ ހަވާކޮށްފައިވާ ކަމަށާއި އެކުންފުންނާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލެ ތިން ސަރަހައްދަކަށް ބަހާލައިގެން ކުނި ކެހުމަށްޓަކައި ބިދޭސީންގެ ބަދަލުގައި މިހާރު 125 ދިވެހިން ހަރަކާތްތެރިވަމުންދާ ކަަމަށެވެ.