ދިވެހިރާއްޖޭގެ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ޙައްލު ކުރުމަށް ޓަކައި ކުރިޔަށް ގެންދެވޭ މަޝްރޫއުތަކުގެ ދަށުން، ހަތް ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް ޓެންޑާ އިވެލުއޭޝަން ބޯޑަށް ފޮނުވާފައިވާއިރު، ދެރަށެއްގެ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން މިހާރު މަސައްކަތް ފެށިގެން ކުރިޔަށްދަނީ ލ. މާވަށުގައި އިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތުގެ މަސައްކަތާއި ގދ. ތިނަދޫގައި އިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ މަސައްކަތެވެ. ނަލަހިޔާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ލ. މާވަށުގައި ޢިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތުގެ މަސައްކަތުގެ ޖުމްލަ އަގަކީ 4,492,114.39 އެވެ. މިމަސައްކަތް ނިންމަން ކަނޑައެޅިފައިވާ މުއްދަކީ 150 ދުވަހެވެ.

ގދ. ތިނަދޫގައި އިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ މަސައްކަތުގެ ޖުމްލަ އަގަކީ 7,003,911.70 އެވެ. މަސައްކަތް ނިންމަން ކަނޑައެޅިފައިވާ މުއްދަކީ 170 ދުވަހެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ ބީއޭޕީސީ އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑާއެވެ.

ތިނަދޫ ކޯޓު އަލުން އިމާރާތް ކުރުމަށް ޖެހިފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބަޔަކު މީހުން ގޮސް އެ ކޯޓުގައި ހުޅުޖަހައި އަންދާލާފައިވާތީ އެވެ.

މި އަހަރުތެރޭގައި ދ. މީދޫ މެޖިސްޓްރޭޓް ކޯޓާއި ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓާއި ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓާއި ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓާއި ތ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓު މަސައްކަތް ފަށާގޮތަށް އަހަރު ފެށުނުއިރު ބަޖެޓުކުރެވިފައި އޮތްނަމަވެސް ޓެންޑާ ބޯޑުން މިމަޝްރޫއުތައް އެވޯޑް ކުރެއްވުން ލަސްވާތީ މި ފަސް މަޝްރޫއު ފެށިފައިނުވާ ކަމަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.