ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީތަޢުލީމް ހާސިލު ކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒްކޮށްގެން އެޑއުކޭޝަން މިނިސްޓްރީ އިން ދޫކުރާ "ޓާޝަރީ ސްޑަންޓެންސް ލޯން ސްކީމް"އަށް ކުރިމަތި ލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ހުޅުވާލައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ފައިސަލް މިއަދު ވިދާޅުވީ ޓާޝަރީ ލޯން ސްކީމްގެ ދަށުން މި ފަހަރު ފުރުސަތު ހުޅުވާލީ 240 ކުދިންނަށް ކަަމަށެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މިފަހަރު ޓާޝަރީ ލޯން ސުކީމްގެ ދަށުން ރާއްޖޭގައި ތިބެގެން މަތީތަޢުލީމު ހާސިލު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 125 ދަރިވަރުންނަށް ކަަމަށެވެ. އަދި ރާއްޖެ އިން ބޭރުން މަތީ ތަޢުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް މިފަހަރު ހުޅުވާލާފައި ވަނީ 105 ފުރުސަތު ކަަމަށް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ތިބެގެން ކިޔަވަން ބޭނުންވާ ކުދިންގެ ތެރެއިން ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ދެނީ 75 ދަރިވަރުންނަށް ކަަމަށެވެ. އަދި އަދި ރާއްޖޭގައި ތިބެގެން ޑިޕްލޮމާ އަށް ކިޔެވުމުގެ ފުރުސަތު ދޭނީ 50 ދަރިވަރުންނަށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރަށް ހުޅުވާލާފައިވާ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ މިފަހަރު ރާއްޖޭން ބޭރުގައި ކިޔެވުމުގެ ފުރުސަތު ދޭނީ ހަމައެކަނި ޑްގްރީ އަށް ކިޔެވުމަށް ކަމަށެވެ. އެގޮތުން ރާއްޖެ އިން ބޭރުން ޑިގްރީ ހާސިލް ކުރުމުގެ ފުރުސަތު 105 ދަރިވަރުންނަށް ދޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިފަހަރު ހުޅުވާލި ޓާޝަރީ ލޯން ސްކީމުގައި މާސްޓާޒް އަށް ފުރުސަތު ހުޅުވާލާފައިނުވާ ސަބަބާ ބެހޭ ގޮތުން "ސަން" އިން ސުވާލު ކުރުމުން ފައިސަލް ވިދާޅުވީ މި އަހަރު ކުރީކޮޅު އެ މިނިސްޓްރީގެ ފަރާތުން ހުޅުވާލި ފުރުސަތުގައި ފުޅާ ދާއިރާއެއްގައި މާސްޓާޒް އަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވުނު ކަމަށެވެ. އެހެން ކަމުން މިފަހަރު ހުޅުވާލި ފުރުސަތަކީ މި އަހަރު އޮގަސްޓް މަހު އޭލެވެލް ނިންމި ދަރިވަރުންނަށް އަމާޒްކޮށްގެން ހުޅުވާލި ފުރުސަތެއް ކަަމަށެވެ.

ފައިސްލް އިތުރަށް ވިދާޅުވީ ޓާޝަރީ ލޯން ސްކީމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ލޯން އަށް އެދޭ ފޯމް މިހާރު އެ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ފައިސްލް ވިދާޅުވި އެވެ.