18 Sep 2014, 14:53
އިންޑިއާ އަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޒީ ޖިންޕިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯޑީ ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވަނިކޮށް، އެކަން ކުރިއަށް ދިޔަ އިމާރާތުގެ ކުރިމަތީގައި ބަޔަކު މުޒާހަރާކޮށްފި އެވެ.
ދެ ގައުމުގެ ވާހަކަތައް ކުރިއަށް ދިޔަ ހައިދަރު އާބާދުގެ ހައިދަރު އާބާދު ހައުސް ކުރިމަތީގައި މުޒާހަރާ ކުރީ ޗައިނާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ޓިބެޓްގެ މިނިވަން ކަމަށް ގޮވާލާ އެކްޓިވިސްޓުންނެވެ. އެމީހުން ޗައިނާއާ ދެކޮޅަށް އަޑު އުފުލައި އިމާރާތުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން އިންޑިއާ ފުލުހުން އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރި ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ.
ޒީގެ ދަތުރުފުޅާ ދިމާކޮށް ޓިބެޓްގެ މީހުން ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ޗައިނާ އެމްބަސީ ކުރިމަތީގައި ވެސް މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާއާ ގުޅިގެން ވެސް 10 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ޗައިނާގެ ދަށަށް ޓިބެޓް ގެންދިއުމުގެ މަސައްކަތް ފެށީ 1950ގެ އަހަރުތަކުގަ އެވެ. އެތަނުގައި އޮތް ބުޑިސްޓުންގެ ސަރުކާރުގެ އެންމެ ފަހު ދަލައިލާމާ އޭގެ ފަހުން ދިރިއުޅެމުން ދަނީ އިންޑިއާގަ އެވެ. ޗައިނާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ޓިބެޓް ގެންދިއުމަށް ކުރި ހަނގުރާމަތަކުގައި 200،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.