މީގެ ސާޅީސް ހަ އަހަރަށް ކުރިން އެމެރިކާގެ ނިއުޔޯކުން ވަގަށް ނަގާފައިވާ ކާރެއް ހޯދައި އެ ކާރުގެ ވެރިފަރާތަށް އަންގައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މީގެ 46 އަހަރު ކުރިން ވަގަށް ނެގި ގޮތަށް ވީނުވީއެއް ނޭނގި ފައިވާ، އެއްލައްކަ ޑޮލަރުގެ އަގުބޮޑު "އީޓައިޕް ޖެގުއާ" ކާރު ފެނުނީ މި އަހަރުގެ ޖޫން މަހު ޔޫއެސްގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަނުން ނެދަލެންޑްސް އަށް ދަތުރުކުރި މުދާއުފުލާ ބޯޓެއްގައި އެކާރު ގެންދަނިކޮށް ރޫޓީން ޗެކަޕެއް ހެދުުމުގެ ތެރެއިން ކަމަށެވެ.

46 އަހަރުކުރިން ވަގަށްނަގާފައިވާ އަދި މިހާރު ވެރިމީހާއާއި ހަވާލުކޮށްފައިވާ ކާރު -- ފޮޓޯ: ބީބީސީ

ޔޫއެސްގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަނުގެ އޮފިޝަލަކު ހޯދި އެކާރު ފެނުނު އިރު ހުރީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ބާވެފަ އެވެ. ނަމަވެސް އެކަންވީ އެކާރު ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުން އައި އެކާރުގެ ވެރިމީހާ އައިވަން ޝްނައިޑާ އަށް ލިބުނު ހައިރާން ކުރުވަނިވި އުފަލަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
46 އަހަރުކުރިން ވަގަށްނަގާފައިވާ އަދި މިހާރު ވެރިމީހާއާއި ހަވާލުކޮށްފައިވާ ކާރު ފުލުހުންގެ ބެލުމުގެ ދަށުގައި-- ފޮޓޯ: ބީބީސީ

މައޭމީ ހެރަލްޑް އިން ބުނީ 1968 ވަނަ އަހަރު ނިއުޔޯކުގައި ދިރިއުޅެމުން އޭނާ ގަތް އޭނާ އަށް އެންމެ ރީތިވި އެ ލަކްޒަރީ ކާރު ވަގަށް ނެގީ އޭނާ އެކާރު ގަތްތާ އަހަރެއް ވެސް ނުވަނީސް ކަމަށެވެ.

"އަހަރެން އަބަދުވެސް ބުނަން އެކާރަކީ އަހަރެން ގެންގުޅުނު އެންމެ ރީތި ކާރޭ." މިހާރު އުމުރުން 82 އަހަރުގެ އައިވަން ޝްނައިޑާ މައިއޭމީ ހެރަލްޑަށް ބުންޏެވެ.
46 އަހަރަށް ފަހު އައިވަން ޝްނައިޑާއަށް އޭނާގެ ކާރު ވީޑިއޯ ލިންކަކުން ދައްކާލަނީ --- ފޮޓޯ: ބީބީސީ

އެތައް އަހަރުތަކަކަށް ފަހު އައިވަންގެ ގެއްލުނު ކާރު އޭނާ އަށް އަނބުރާ ލިބުމުން އެނާގެ އުއްމީދަކީ އެކާރު އަލުން މަރާމާތުކޮށް ކޮންމެ އާދިއްތަ ދުވަހަކު އެކާރުގައި ދުއްވާލަން ދިޔުމެވެ.

"އެއީ އެހާ ރިލަޔަބަލް ކާރެއް ނޫން. އަހަރެން އޭތި ބޭނުން ކުރާނީ ކޮންމެ އާދިއްތަ ދުވަހަކު." އައިވަން ޝްނައިޑާ މައޭމީ ހެރަލްޑްއަށް ބުންޏެވެ.