19:00


ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ސ. ހިތަދޫންނާއި މާލެ އިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


އައްޑޫ ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރު، ސަބް އިންސްޕެކްޓަރ އާދަމް އިޔާޒް މިއަދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އައްޑޫ ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެއަތޮޅު ހިތަދޫގައި ދަތުރު ކުރާ އާގަލާ ކިޔާ ބޯޓެއް ޗެކްކޮށް ބެލިބެލުމުން އެބޯޓުގެ ވީލްހައުސް ތެރޭގައި ބޮޑު ސިޓީ އުރައެއްގެ ތެރެއަށް ލާފައި އޮތް ކުޑަ ތިން ސިޓީ އުރައިގެ ތެރެއިން އެއް ސިޓީ އުރައިގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 25 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި އަނެއް ސިޓީ އުރައިގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ މުށިކުލައިގެ ކުނޑި އެއް އަޅާފައިހުރި 37 ޕެކެޓް ފެނިފައިވާ ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ. އަދި ތިން ވަނަ ސިޓީ އުރައިގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.


އިޔާޒް އިތުރަށް ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެބޯޓުގައި މަސައްކަތް ކުރާ ހިތަދޫ އުމުރުން 38 އަހަރުގެ އަބުދުﷲ އަގީލް ކިޔާ މީހެއް ކަމަށެވެ. އަދި އޭނާ އަށް އެނގިހުރެ ތިން ފަހަރެއްގެ މަތިން އެގޮތަށް މަސްތުވާތަކެތި އެބޯޓުން ގެންގޮސްފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.


މީގެއިތުރުން އެ ބޯޓް އިތުރަށް ބަލާފާސްކުރި ކުރުމުން އެ ބޯޓުގެ އޭސީއެއްގެ ތެރެއިން ސިޓީ އުރައަކަށްލާ ބަންދުކޮށްފައި އޮތް ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް އިޔާޒް ވިދާޅުވި އެވެ. އިޔާޒް ވިދާޅުވީ އެމައްސަލައާ ގުޅިގެން މާލޭން ވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.