18 Sep 2014, 14:26
މަސްތުވާތަކެތި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ތ. ތިމަރަފުށީ ފެންފިޔާޒުގޭ އަހްމަދު އަމީނު ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސް ބޭނުންކުރި މައްސަލައަކާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ކުރި ދައުވާ އަށް އޭނާ އިންކާރު ކުރިނަމަވެސް އަމީނުގެ ކުޑަކަމުދާތަކެތި ލެބޯޓަރީގައި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ހުކުމްގައި ވަނީ އަމީނުގެ ވާތްފަރާތު ޖީބުން މަސްތުވާތަކެއްޗާއި ދުންފަތާއި އެއްކޮށްފައިވާ ބިޑިބުރިއެއް ފެނިފައިވާ ކަމަށާއި އެ ބިޑިބުރި ތަހުލީލު ކުރި އިރު އޭގައި 0.5136 ގްރާމް ކެނަބިސް ހުރި ކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިއުތިރާފުވާ މީހުންގެ މައްސަލަތައް ފޮނުވުމަށް ހަމަޖެހިފައި ވަނީ ޑްރަގް ކޯޓަށެވެ. އެއީ އެފަދަ މީހުންނަށް ފަރުވާގެ ފުރުސަތުތައް ފަހިވެފައިކޮށްދިނުމުގެ ގޮތުންނެވެ.