18 Sep 2014, 14:15
ޖެރާޑް ޕިކޭ ޖެހި ގޯލާއެކު ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ސައިޕްރަސްގެ އެޕޮއެލް ނިކޯސިއާއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ސްޕެއިންގެ ބާސެލޯނާ މޮޅުވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ މެދުތެރެއިން ބާސާއަށް ލިބުނު ހިލޭޖެހުމެއް އަޕޮއެލްގެ ގޯލްކުރިމަށްޗަށް ހުރަސްކޮށްލި ވަގުތު ޕީކޭ ބޮލުންޖަހައި މެޗުގެ 28 ވަނަ މިނިޓުގައި ބާސާއިން ލަނޑު ޖަހާފައި ވީނަމަވެސް އެޕޮއެލް ޓީމުން ވަނީ ގިނަ ބަޔަކު ހައިރާންވާ ފަދަ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
ގްރޫޕު "އެފް"ގެ ފުރަތަމަ މެޗުން ތިން ޕޮއިންޓް ހޯދައިގެން ބާސެލޯނާ މެޗު ނިންމާފައިވާއިރު އެޓީމުގެ ލިއޮނަލް މެސީއަށް މެޗުގައި ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއްލިބި ބޭކާރުވިކަން ފާހަގަކުރެވެއެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބާސާއަށް ލިބުނު ހިލޭޖެހުމަކުން މެސީ އެޕޮއެލްގެ ގޯލަށް ފޮނުވާލި ބާރުހަމަލާ އެޓީމު ކީޕަރުވަނީ ފަސޭހަ ކަމާއެކު ހިފަހައްޓާފައެވެ.
މި ދެޓީމުންވެސް ޗެމްޕިއަންސް ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ. ބާސެލޯނާ ކުރިމަތިލާނީ ފްރާންސްގެ ޕީއެސްޖީ އާއެވެ. އަދި އެޕޮއެލް ކުރިމަތި ލާނީ އެފްސީ އަޔެކްސް އާއެވެ.