18 Sep 2014, 13:52
ފައިސާގެ ބޮޑެތި އިނާމްތަކަކާ އެކު ފުވައްމުލަކު އެއާޕޯޓާއި އެ ރަށު ބަނދަރުގައި މަރުހަބާ މޮނިއުމަންޓެއްގެ ކޮންސެޕްޓް އެކުލަވާލައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ ރަށު އަތޮޅު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ އާޕޯޓާއި އެ ރަށު ބަނދަރުގައި މަރުހަބާ މޮނިއުމަންޓެއްގެ ކޮންސެޕްޓް އެކުލަވާލުމަށާއި ފުވައްމުލަކުގެ ކުރީގެ ރަސްމީދަނޑު ރަސްމީ ބޭނުންތަކަށާއި އާއިލާތައް އެއްވެ ހިތްއުފާކޮށްލައި މައިޒާނެއްގެ ގޮތަށް ތަރައްގީ ކުރުމަށް ކޮންސެޕްޓެއް ބޭނުންވާ ކަމަށެވެ.
އެގޮތުން ރަސްމީ ދަނޑަށް އެންމެ ރަނގަޅު ކޮންސެޕްޓެއް ހުށަހަޅާފަރާތަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް އަދި މަރުހަބާ މޮނިއުމަންޓުގެ ކޮންސެޕްޓަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކައުންސިލް އިދާރާ އިން ހުށަހަޅާފަ އެވެ.
ދެ ކޮންސެޕްޓަށް ވަކިން ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ފުވައްމުލަކު ކައުންސިލުން ދެވަނަ ފަހަރަށް ކޮށްފައިވާ އެ އިއުލާނުގައި ވަނީ ކޮންސެޕްޓް އެކުލަވާލުމުގައި ޕޮއިންޓްދޭނެ އުސޫލު ވެސް ހިމަނާފަ އެވެ. އަދި ކޮންސެޕްޓާ އެކު ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ވެސް ވަނީ ހިމަނާފަ އެވެ.