18 Sep 2014, 13:45
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި އިނގިރޭސި ޗެމްޕިއަނުން މެންޗެސްޓާ ސިޓީގެ މައްޗަށް މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑެއް ކާމިޔާބުކޮށް ބަޔާން މިއުނިކް ކުރި ހޯދައިފިއެވެ.
ޖަރުމަނުގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ފެނުނު ހަމައެކަނި ގޯލް މެޗުގެ 90 ވަނަ މިނުޓުގައި ކާމިޔާބު ކޮށްދިނީ ޖަރުމަނުގެ ސެންޓަ ބެކް ޖެރޯމް ބޯޓެންގެ އެވެ.
އެންމެ ފަހުން ޕްރިމިއާ ލީގުގައި އާސެނަލްއާ ބައްދަލު ކުރި މެޗުގައި ކުޅުނު ސާމިރު ނަސްރީ އާއި ސާޖިއޯ އަގުއެރޯގެ އިތުރުން ފްރޭންކް ލަމްޕާޑްގެ ބަދަލުގައި ޔާޔާ ޓޫރޭ އާއި އެޑިން ޒެކޯ ސިޓީގެ ފުރަތަމަ އެގާރައިން ރޭ ފެނުނެވެ.
މެޗުގެ ބޮޑުބައެއްގައި ބަޔާނުން ވަނީ ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓައި ސިޓީގެ ކުޅުންތެރިން ފޫހިކޮށްލައިފައެވެ. ޑޯޓްމަންޑް އިން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބަޔާން އާ ގުޅުނު ޕޮލިޝް ފޯވަޑް ރޮބަޓް ލެވަންޑޯސްކީއަށް ވަނީ ގޯލް ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ.
ޖަރުމަން ޓީމުގެ ކީޕަރު މެނުއެލް ނޯޔާއަށް ނުރައްކާ ކުރުމަށް ސިޓީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ދެވަނަ ހާފުގައި ޑޭވިޑް ސިލްވާ އަށެވެ. ނަމަވެސް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފުގައި ސިޓީގެ ޖީޒަސް ނާވާސްއަށް އޭރިއާ ތެރެއިން ބަޔާންގެ ޑިފެންޑަރު ބެނާޝިއާ ފައުލް ކުރިކަމަށް ބުނެ ސިޓީގެ ކުޅުންތެރިން ވަނީ ރެފްރީއަށް އެޕީލު ކޮށްފައެވެ.
މެޗުގައި ބަޔާންގެ ކުޅުންތެރިންގެ ފަރާތުން ސިޓީގެ ގޯލަށް ނުރަށްކާ ކޮށްފައި ވާއިރު ޖަރުމަނު ޓީމުގެ ފޯވަޑުންގެ ހުރަހަކަށްވީ ސިޓީގެ ކީޕަރު ޖޯ ހާޓްއެވެ. ނަމަވެސް އެންމެ ފަހު ވަގުތުގައި ބޯޓެންގް ފޮނުވާލި ހަމަލާ ދިފާއުކުރެވޭ ގޮތެއް ނުވިއެވެ.
މި ގްރޫޕްގައި ދެން ކުޅުނު މެޗުގައި ސީއެސްކޭއޭ މޮސްކޯގެ މައްޗަށް އިޓަލީގެ އޭއެސް ރޯމާ ވަނީ 5-1 ން ކުރި ހޯދާފައެވެ.