ރަށްރަށުގައި ތިބި ޝަރީއަތްތައް ކުރިއަށްގެންދާ މީހުންގެ ޝަރީއަތްތައް މާލެއަށް ނައިސް އެމީހުން ނިސްބަތްވާ ރަށުގައި ތިބެގެން ހިންގޭނެ ގޮތަކަށް ކަންކަން ބައްޓަންކުރަން އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ރަށްރަށުގައި ތިބެފައި ޝަރީއަތްތައް ކުރިއަށްގެންދާ ދުވަހަށް ކޮންމެ ފަހަރަކު މާލެއަށް އައުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެހެންކަމުން އެ މައްސަލަތައް ރަށުގައި ތިބެގެން ކުރިއަށް ގެންދެވޭނެ ގޮތެއް ހަދަންޖެހޭ ކަމަށެވެ.

" ކޮންމެ ފަހަރަކު ވެސް މާލެ ގެނެސް މާލޭގައި ޝަރީއަތްތައް ހިންގާ ހިންގުމަކީ އެތައް ގުނައަކުން ޚަރަދު ވެސް ބޮޑުވާނެ އަދި އެހާ ފަސޭހަކަމެއް ވެސް ނޫން. އަދި ގާނޫނުން ތަންދޭ އެ ޝަރީއަތްތައް އެމީހުން ނިސްބަތްވާ ރަށުގައި ތިބެގެން ވެސް ހިންގަން. އެހެންކަމުން ރަށުގައި ތިއްބައި ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް ބައްޓަންކުރަން އެބަ ޖެހޭ،" ޝިފާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން ފެބްރުއަރީ ހައެއް ހަތެއްގައި ހިނގައިދިޔަ ކަންތަކާ ގުޅިގެން ޝަރީއަތިގެ މަރުހަލާގައި ތިބި ތިނަދޫ 80 މީހުންނާއި އައްޑޫ 129 މީހުން ޝަރީއަތް އޮތްއިރު އެ ޝަރީއަތް ތަކަކީ އެއްފަރާތަކަށް ޖެހިގެން ކުރިއަށް ގެންދާ ޝަރީއަތްތަކެއް ކަމަށް އެމްޑީޕީން ބުންޏެވެ. އެހެންކަމުން އެ ޝަރީއަތްތައް އަނބުރާ ނެގުމަށް ވެސް އެމްޑީޕީން ވަނީ ޕީޖީއަށް ގޮވާލައިފައެވެ.

"އެއީ އެއް ފަރާތަކަށް ޖެހިގެން ކުރިއަށް ގެންދާ ޝަރީއަތްތަކަކަށް ވާނަމަ އެ ޝަރީއަތްތައް ނެގުމަށް އަޅުގަނޑުމެން ޕީޖީއަށް ގޮވާލަން. މި ސަރުކާރަށް މިއަދު ބާރު އޮތްކަމުގައި ވިޔަސް އެޝަރީއަތްތައް ވަކި ފަރާތަކަށް ބުރަވެގެން ހިންގުން އެއީ ރަނގަޅުގޮތެއް ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އެހެންކަމުން މި ޝަރީއަތްތައް ހިންގާ ހިންގުން އަޅުގަނޑެމެން ކަންބޮޑުވޭ އެކަންކަމާ ގުޅިގެން އެކަން ރަނގަޅުކުރަން ކުރެވުނު ކަމެއް އަޅުގަނޑުމެން ކުރާނަން،" ޝިފާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން "ހަމައެކަނި އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ޝަރީއަތް" ކުރިއަށް ގެންދިޔަޔަސް ސަރުކާރަށް ގައުމުގައި ހަމަނުޖެހުން ގާއިމް ނުކުރެވޭނެ ކަމަށް ޝިފާޒް ފާހަގަކުރައްވަ އެވެ.