18 Sep 2014, 12:43
ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުން މަޑުޖައްސާލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މައްޗަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުން ހޯމަ ދުވަހު ނެރުނު އަމުރުގައި ބުނެފައި ވަނީ ގާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރާއި ހަސަން ފިޔާޒު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން އެ ކޯޓުން ވަކިގޮތެއް ނިންމަންދެން ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާއި ގުޅޭ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށެވެ.
ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ބާތިލް ކުރުމަށް ގާނޫނީ ވަކީލުންތަކެއް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ވަނީ މި މަހުގެ 10 ވަނަ ނިންމާލާފަ އެވެ. އެ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ ކަމަށް ފަނޑިޔާރު ޔޫސުފް ހުސައިން އިއުލާން ކުރެއްވީ ދެ ފަރާތުން ވެސް މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކައި ނިމުމުންނެވެ.
ފަނޑިޔާރު ޔޫސުފް ހުސައިން ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމުގައި އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެހެން ނޫންނަމަ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅުއްވަމުން ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ އުސޫލު އެކުލަވާފައި ވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި އަދި ހައިކޯޓުން މީގެކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
ދައުވާ އަށް ޖަވާބުދާރީވަމުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ވަކީލާ ޒޫނާ މުހައްމަދު ވިދާޅުވެފައި ވަނީ ގަވާއިދުތައް ހެދުމުގެ ބާރަކީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
އެ އުސޫލު އެކުލަވާލާފައި ވަނީ ހައިކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ ނިންމުންތަކަށް ފުރިހަމަ އަށް ރިއާޔަތް ކުރުމަށް ފަހު ކަމަށާއި އެ އުސޫލު ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވެސް އެ ދުވަހުގެ ޝަރީއަތުގައި ޒޫނާ ވަނީ ވިދާޅުވެފައެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ނުވަ ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ގާޒީ މުހުތާޒު ފަހުމީ އާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން މަޒީދާއި އެ ކޯޓުގެ ގާޒީ އަބްދުﷲ ޖާމީލް މޫސާ އާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ އިތުރުން ހުޅުމާލޭ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ހަސަން އަލީ އެވެ.
އެބޭފުޅުންގެ ތެރެއިން އަބްދުﷲ ދީދީ އަކީ ޖޭއެސްސީގެ ކުރީގެ ނައިބު ރައީސް އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރަންޖެހިފައި ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އަލީ ޖުވެނައިލް ކޯޓަށް ބަދަލުކުރުމާ ގުޅިގެންނެވެ.