ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުން ސުޕުރީމް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފި އެވެ.

އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު 1:45 އަށް އެ ކޮމިޝަންގެ މެމްބަރުން ސުޕުރީމް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފާފައިވާ ކަމަށެވެ. ނަމަވެސް ހުރިހާ މެމްބަރުން ރަށުގައި ނޫޅުއްވާތީވެ މި މަހުގެ 22 އަށް ފަސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ ކޮން މައްސަލައެއްގައި ކަމެއް އެނގިވަޑައިނުގެންނަވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

"ބައެއް މެމްބަރުން ރަށުން ބޭރުގައި އުޅުއްވާތީ، އެކަން ސުޕްރީމް ކޯޓަށް ވާނީ އަންގާފައި،" އޮފިޝަލް ވިދާޅުވި އެވެ.

ކޯޓުން ފޮނުވާފައިވާ ޗިޓުގައި ކޯޓުގެ ބޭނުމަކަށް އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ހާޒިރުވުމަށް އަމުރުކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ ޝަރީއަތަކަށް ކަމެއް ނުވަތަ މެމްބަރުންނާ ބައްދަލުކޮށްލަން ކަން އެނގިވަޑައިނުގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ މިވަގުތު އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައި ރަށުން ބޭރުގަ އެވެ. އަދި އެކޮމިޝަންގެ މެމްބަރު އަހުމަދު އަބްދުލްކަރީމް ހުންނެވީ ޗުއްޓީއެއްގަ އެވެ.

އެޗްއާރުސީއެމްގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުމަށް ޗިޓް ފޮނުވާފައި މިވަނީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެޗްއާރުސީއަމުން ތައްޔާރުކޮށް އދ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު(ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައި ވަނިކޮށެވެ. އަދި އޭގެ ސަބަބުން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.