ނޯވޭގެ ހަތަރު އަހަރުގެ އަންހެން ކުއްޖަކު ނިދީގައި ފަސް ކިލޯ މީޓަރަށް ހިނގައި އޭނާ ދިރިއުޅޭ ޓައުން ނޫން އެހެން ޓައުނަކަށް ގޮސްފި އެވެ.

ވައިބާރު ގަދަ ތޫފާނީ ރެޔެއްގައި ނޯވޭގެ ހަތަރު އަހަރުގެ ތިއާ ހެލެން ރޮބާޓްސަން ނިދީގައި ގެއިން ނިކުމެގެން ހިނގަމުންގޮސް އޭނާގެ ގެއާ ފަސް ކިލޯ މީޓަރު ދުރުގައި އޮންނަ ހޮނިންގްސްވާގް ނަމަކަށް ކިޔާ އަވަށަކަށް ދިޔަކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބީބީސީ އިން ބުނި ގޮތުގައި އެ ހާދިސާ ހިނގި އިރު ތިއާ ހުރީ އޭނާގެ ބޮޑުދައިތަގެ ބެލުމުގެ ދަށުގައި ކަމަށާއި ތިއާގެ ބޮޑުދައިތަ އަށް އެ ތުއްތު ކުއްޖާ ގޭގައި ނެތްކަން އެނގުނީ އޭގެ އަނެއް ދުވަހު ހެނދުނު 6:30 ކަންހާއިރު ފުލުހުންނަށް ހޮނިންގްސްވާގް ޓައުނުން ތިއާ ފެނިގެން ގުޅާފައި ބުނުމުން ކަމަށެވެ.

"[ފުލުހުން ގުޅުމުން] އަހަރެން ދުވެފައި ދިޔައީ ތިއާ ނިދާކޮޓަރިއަށް. އަހަރެން ވަރަށް ދެރަވި އޭނާ އެނދުގައި ނެތްތަން ފެނުމުން،" ހާސްވެފައި ހުރި ތިއާގެ ބޮޑުދައިތަ ނޯވޭގެ ވެރްޑެންސް ގޭން ނޫހަށް ބުންޏެވެ.

ތިއާއާ ހަވާލާދީ ނޫސްތައް ބުނާ ގޮތުން ނިދީގައި ފަސް ކިލޯ މީޓަރުގެ ދިގު ހިނގާލުމަކަށް އޭނާ އަށް ދެވުނީ ހުވަފެނުން އޭނާގެ ގޭގައި ރޯވެގެން އުޅުނު ތަން ފެނުމުން ކަމަށެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ބޫޓަށް އަރައިގެން ގެއާ ވީހާ ވެސް ދުރަށް ދިޔުމަށް ކަމަށް ތިއާ ބުނިކަމަށްވެ އެވެ.

ތިއާ ގެއިން ނިިކުމެގެން އެއްވެސް މީހަކަށް ނުފެނި ފަސް ކިލޯ މީޓަރުގެ ދިގު ދަތުރެއް ކުރެވުނީ ޓަނަލް އެއްގެ ތެރެއިން ލާފައި ދިޔުމުން ކަމަށް ހޮނިންގްސްވާގް އިން ތިއާ ފެނުނު ފުލުހުން ބުނި ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

ހޮނިންގްސްވާގްގެ ފުލުހުން ތިއާ އޭނާގެ ގެއަށް ގެނައި އިރު ތިއާ އަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ނޫސް އޭޖެންސީތަކުން ބުނެ އެވެ.