18 Sep 2014, 10:57
އިންފޮމޭޝަން ޓެކޮނޮލޮޖޯ(އައިޓީ) ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން އެ ދާއިރާގައި ހަރަކާތްތެރިވާ ފަސް ކުންފުންޏެއްގެ ވެރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެ މިނިސްޓްރީގެ އިސް ފަރާތްތަކާ ބައްދަލުކޮށްފި އެވެ.
އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން އެޑްވާންސް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ޗީފް އޮޕަރޭޓިން އޮފިސާ އިބްރާހިމް ސޯލިހް ވިދާޅުވީ އެ ބައްދަލުވުން މިނިސްޓްރީއާ އެކު ބޭއްވީ މިހާރު އޮތް ހާލަތުން މެދުފަންތީގެ ކުދި ކުންފުނިތަކަށް ކުރިއަށް ދެވެން ނެތުމުން ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ކުދިކުދި ބިޑްތަކަށް ވެސް ބޮޑެތި ކުންފުނިތަކުން ކުރިމަތިލައި މެދުފަންތީގެ ކުންފުނިތަކަށް ހުރިހާ ފުރުސަތެއް ބަންދުކުރާތީ ކަމަށް ވިދާޅުވި އެވެ.
"އެބަހުރި އޮފީސްތަކުގެ ތަޅު ހަރުކުރަން ވެސް ކެމެރާ އަޅަންވެސް ބޮޑެތި ކުންފުނިތަކުން ގޮސްފައި. ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެލެކޮމް އޮޕަރޭޓަރުން އެހެނިހެން ކުދިކުދި މަސައްކަތްތަކެއް ނުކުރާނެ. އެމީހުން ކުރާނެ ކަމަކީ ޓެލެކޮމް ހިދުމަތް ރަނގަޅު ކުރުން. މި ރާއްޖޭގައި މިވަނީ އެހެނެއްނޫން،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެދުފަންތީގެ ކުންފުނިތަކުން ބައެއް ފަހަރު ބިޑްތައް ކާމިޔާބުކުރީމާ ބޮޑެތި ކުންފުނިތަކުން ސަރުކާރުގެ އިދާރާތަކަށް ގޮސް ކުދި ކުންފުނިތަކަށް ތިކަމެއް ނުވާނެ ކަމަށް ބުނެ ބިޑް އަތުލަން މަސައްކަތް ކުރާކަން ވެސް ފާހަގަ ކުރެވޭ ކަމަށާއި އެހެންކަމުން އެ މައްސަލަ ވެސް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
"ރާއްޖޭގައި ވަރަށް ގިނަ އައިޓީ ކިޔަވާ ކުދިން އެކަމަކު އެ ކުދިންނަކަށް ފުރުސަތެއް ނެތް ބޮޑެތި ކުންފުނިތަކުގެ ސަބަބުން. ވަރަށް ގިނަ މެދުފަންތީގެ ކުންފުނިތައް ބަނގުރޫޓްވެފައި ވެސް އެބަހުރި،" އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ މިއަދު ފެންނަ މަންޒަރަކީ ބޮޑެތި ފޮރިން އިންވެސްޓަރުން ލޯކަލް ބިޒްނެސްގެ ތެރެއަށް ވަނުން ކަމަށާއި މިއީ ރާއްޖޭގެ އިކޮނޮމީގެ އިތުރުން މެދުފަންތީގެ ކުންފުނިތަކަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ.
އެބައްދަލުވުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ބަހެއް ލިބިފައިނުވާ އިރު އިބްރާހިމް ވިދާޅުވީ އިއްޔެ ނިންމާފައި ވަނީ ފޮލޯއަޕް މީޓިންތައް މިނިސްޓްރީއާ އެކު ހަދައި އެ މައްސަލަ ހައްލުކުރަން ކަމަށެވެ.