ކެބިނެޓް ޖަލްސާއެއް ހދ. ކުޅުދުއްފުށީގައި ބާއްވާ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.

ސަރުކާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ، ކެބިނެޓްގެ ބައްދަލުވުންތައް ތަވާލު ކުރައްވާފައިވާ ގޮތުން އަންނަ އަންގާރަ ދުވަހު ހެނދުނު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ބާއްވަވާނީ ހދ. ކުޅުދުއްފުށީގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.
~
"މިކަމުގެ ރަސްމީ މައުލޫމާތު މިއަދުގެ ވަގުތެއްގައި ރައީސް ހާމަކުރައްވާނެ. އަދި ކުޅުދުއްފުށީގައި ބާއްވާ ޖަލްސާއަށް ވާންޖެހޭ ތައްޔާރީތަކަށް މުޅި ރައީސް އޮފީސް ދަނީ ތައްޔާރުވަމުން، އޭގެ ތެރޭގައި ވަޒީރުން ވަޑައިގަތުމުގެ އިންތިޒާމުތައް ވެސް ހިމެނޭ،" އެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުން ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށުގައި ޖަލްސާ ކުރައްވަނީ ކަންކަން ލާމަޒުރުކަޒީ ކުރެއްވުމަށް ގެންގުޅުއްވާ އުސޫލުގެ ދަށުން ކަމަށާއި ކުޅުދުއްފުށީ ބައްދަލުވުމުގައި ވަޒީރުން މުހިންމު ނިންމެވުންތަކެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް މުޅި ބައްދަލުވުމުގެ ފުރިހަމަ ތަފުސީލެއް ދެއްވާނީ ރައީސް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން މޫދު އަޑީގައި ވެސް ކެބިނެޓް ބައްދަލުވުމެއް ބާއްވަވާފަ އެވެ.