18 Sep 2014, 10:06
ރަށްދެބައި މަގުގައި ހުންނަ ގެސްޓްހައުސް އެއްގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅުނު ދިވެހި އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ރިސެޕްޝަނިސްޓަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 08:30 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅި މައްސަލައަކީ 33 އަހަރުގެ ދިވެހި އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މީހަކު މަސައްކަތްކުރި ކަމުގެ ޝަކުވާ ކަމަށާއި ފުލުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 25 އަހަރުގެ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށެވެ.
ދިވެހި އަންހެން މީހާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމަށް ރޭ ދަންވަރު ތިން ފަހަރެއްގެ މަތިން އެ ބިދޭސީ މީހާ މަސައްކަތް ކޮށްފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ގެސްޓްހައުސް އެއްގެ ތެރޭގައި އަންހެނަކަށް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރި މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.