18 Sep 2014, 10:00
ބަޣްދާދު (ސެޕްޓެމްބަރ 18) : ޢިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތް ނައްތާލުމަށް އެމެރިކާ ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި އެ ޖަމާއަތުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިންނާއި އިރާގުގެ ގިނަ އަދަދެއްގެ އާންމުން މަރުވަމުންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
އިރާގުގެ އުތުރާއި ހުޅަނގުގެ ސަރަހައްދުތަކަށް ހުއްޓުމެއް ނެތި އެމެރިކާ ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި އައިއެސްގެ 60 އަށްވުރެ ގިނަ ހަނގުރާމަވެރިން އިއްޔެ މަރުވެފައިވާ ކަމަށް އެސަރަހައްދުތަކުގައި އެއްގަމު މަގުން ހަނގުރާމަކުރާ އިރާގު ސިފައިންނާއި ކުރުދީންގެ ބިޝްމަރުގާ ޖަމާއަތުން ބުނާއިރު އެމެރިކާގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން ވެސް މަރުވެފައިވާ ކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާ ބުނެފައިވެ އެވެ.
އެމެރިކާގެ ވައިގެ ޙަމަލާތަކުގެ އެހީގައި އައިއެސް ބަލިކުރުމަށް ބިންމަތީގައި ހަނގުރާމަކުރާ ކުރުދީ ހަނގުރާމަވެރިންގެ ކޮމާންޑަރަކު ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި އައިއެސް އަތްދަށުން އިރާގުގެ އުތުރުގެ ނައިނަވީ ގަވަނޭޓްގެ އަށް ވިލެޖެއް މިނިވަން ކުރެވިފައިވާ ކަމަށާއި އައިއެސްގެ ހަނގުރާމަވެރިން މިހާރު ބަލިވެ ފަހަތަށް ޖެހެމުންދާ ކަމުގަ އެވެ. އެމެރިކާގެ ޙަމަލާތަކުގައި އައިއެސްގެ އިސް ކޮމާންޑަރެއް ކަމަށްވާ އަބޫތާރިގް އިއްޔެ މަރުވެފައިވާ ކަމަށް ވެސް ކުރުދީ ހަނގުރާމަވެރިން ބުނެފައިވެ އެވެ. ނަމަވެސް މުސްތަގިއްލު ފަރާތަކުން މިކަން ކަށަވަރުކޮށްދީފައެއްނުވެ އެވެ.
އަނެއްކޮޅުން އައިއެސް ޖަމާއަތް ނައްތާލުމަށް ކުރާ ހަނގުރާމައިގާ އެމެރިކާގެ އެއްގަމު ސިފައިން އިރާގަށް ނުފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވާ ވިދާޅުވުން އޭނާ އަނެއްކާ ވެސް ވަނީ ތަކުރާރު ކުރައްވާފަ އެވެ. ފްލޮރިޑާގައި ހުންނަ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ މައިމަރުކަޒުގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ބައިނަލްއަގްވާމީ ހަނގުރާމައެއް ކަމަށާއި މިހަނގުރާމައިގާ އެމެރިކާ އަދާކުރާނީ ލީޑިން ރޯލެއް ކަމުގަ އެވެ. މިހަނގުރާމަ ކުރުމަށް ޓަކައި އެމެރިކާ ސިފައިން އިރާގަށް ފޮނުވާނެ ކަމަށާއި އެއްގަމުގެ އޮޕަރޭޝަންތަކުގައި އެމެރިކާ ސިފައިން ވެސް އަދި ބޭރު އެހެން ގައުމެއްގެ ސިފައިން ވެސް ބައިވެރިނުވާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ. އަދި އެމެރިކާގެ ހަނގުރާމަމަތީ ސިފައިން އިރާގަށް ފޮނުވުން މިކަމާ ބެހޭ ޕްލޭނާއި ސްޓްރެޓެޖީގައި ހިމެނިފައިނުވާ ކަމަށާއި އަދި ހިމަނަން ގަސްދު ވެސް ނުކުރާ ކަމަށް އޮބާމާ ވިދާޅުވި އެވެ.
އޮބާމާ މިހެން ވިދާޅުވެފައި މިވަނީ އައިއެސް ނައްތާލުމަށް އެމެރިކާ އިސްވެ އޮވެގެންކުރާ ހަނގުރާމައިގާ އެމެރިކާގެ އެއްގަމު ސިފައިން އިރާގަށް ފޮނުވުމަށް ލަފާއަރުވަން ޖެހިދާނެ ކަމަށް ވިދާޅުވެ އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ ވާހަކަ ދައްކަވާފައިވަނިކޮށެވެ. ޑިމްޕްސީ ވިދާޅުވެފައި ވަނީ އައިއެސް ނައްތާލުމަށް ރައީސް ބަރަކް އޮބާމާ މިހާރު ގެންގުޅުއްވާ ސްޓްރެޓެޖީ ކާމިޔާބު ނުވެއްޖެ ނަމަ އައިއެސްއާ ސީދާ ގޮތެއްގައި ކުރިމަތިލުމަށް ޓަކައި އެމެރިކާގެ އެއްގަމު ސިފައިން އިރާގަށް ފޮނުވުމަށް އޮބާމާއަށް ލަފާއަރުވަންޖެހިދާނެކަމުގަ އެވެ.
އެމެރިކާ ސިފައިންގެ އެންމެ އިސް ކޮމާންޑަރަކީ ރައީސްގެ ހައިސިއްޔަތުން އޮބާމާ އެވެ. އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް އާއި އެހެން ކޮމާންޑަރުންނާއި ޖެނެރަލުންނަށް ކަންތައްތައް ކުރެއްވޭނީ އޮބާމާ އަމުރުކުރައްވާ ގޮތެއްގެ މަތިންނެވެ. މިކަމަށް ދެކޮޅު ހެދުމުގެ އެއްވެސް ފުރްސަތެއް އެމެރިކާގެ އަސްކަރީ ގާނޫނުގައި ޖެނެރަލުންނަށް ލިބިގެނެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)