18 Sep 2014, 09:26
އެޑިންބާގް (ސެޕްޓެމްބަރ 18) : އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމާބެހޭ ގޮތުން އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުލުމުގެ ކަންތައް މިއަދު ހެނދުނު ފެށުމަށް ހަމަޖެހިފައިވާ ތާރީޚީ ވޯޓުގައި 50 އިންސައްތައަށް ވުރެ ގިނަ މީހުން އާނބަސް ބުނެފި ނަމަ 307 އަހަރުވެފައިވާ ސްކޮޓްލެންޑާއި އިނގިރޭސިވިލާތުގެ އިއްތިޙާދު ރޫޅިގެންދާނެ އެވެ.
ޖީއެމްޓީ އިން މިއަދު ހެނދުނު ހައެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މިވޯޓުގެ ކަންތައްތައް އިންތިޒާމްކުރާ އިދާރާ އިން ބުނީ ވޯޓުލުމުގެ ހައްގު 4.2 މިލިޔަން މީހުންނަށް ލިބިފައިވާ އިރު މީގެ ތެރެއިން 97 އިންސައްތަ މީހުންނަކީ ސްކޮޓްލެންޑްގެ ރައްޔިތުން ކަމުގަ އެވެ. އިނގިރޭސި ރަސްކަމުގެ އިއްތިޙާދުގައި ސްކޮޓްލެންޑް ބައިވެރިވެފައިވާތާ 307 އަހަރުވެފައިވާ އިރު މިއިއްތިޙާދުން ވަކިވެ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ސްކޮޓްލެންޑް އޮތުމަށް އެސަރަހައްދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ތާއީދުކުރާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ވަނީ ހާމަވެފަ އެވެ.
ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައިވާ ގޮތުގައި އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް އެސަރަހައްދުގެ ރައްޔިތުންގެ 48 އިންސައްތަ މީހުން ތާއީދުކުރާއިރު 52 އިންސައްތަ މީހުން މިކަމަށް ދެކޮޅުހަދަ އެވެ. ނަމަވެސް މިއިން އެއްކޮޅަކަށް ވެސް ތާއީދުނުކުރާ ބަޔަކު ސްކޮޓްލެންޑްގެ ރައްޔިތުންގެ ތެރޭގައި ހިމެނޭތީ ފެންނަ ނުފެންނަ މިވޯޓުގެ ނަތީޖާ ބުރަވެގެންދާނީ ވަކިކޮޅަކަށް ބުރަނުވާގޮތަށް މިހާރު ތިބި މީހުން ވޯޓުލާ ގޮތަކުން ކަމަށް ވަނީ ބެލެވިފަ އެވެ.
އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް ވޯޓު ނުދިނުމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ސްކޮޓްލެންޑްގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައިވާ އިރު ކެމެރޮން ވަނީ މިނިވަންވުމަށް ތާއީދުކޮށް ވޯޓު ދީފި ނަމަ އިނގިރޭސި ރަސްކަމުގެ އިއްތިޙާދު ރޫޅި އިނގިރޭސިވިލާތް ނިކަމެތިވެ ބަލިކަށިވެގެން ދިޔުމުގެ އިތުރުން ސްކޮޓްލެންޑް ވެސް ބަލިކަށިވެ ނިކަމެތިވެގެންދާނެ ކަމުގެ އިންޒާރު ވެސް އެތައް ފަހަރަކު ދެއްވާފަ އެވެ.
ކެމެރޮންގެ އިތުރުން އިނގިރޭސި ރާނީ އެލިޒަބަތް (ދެވަނަ) އާއި އެގައުގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް ތާއީދު ނުކުރުމަށް އެދި ސްކޮޓްލެންޑްގެ ރައްޔިތުންނަށް އެތައް ފަހަރަކު އާދޭސް ކުރައްވާފަ އެވެ. ނަމަވެސް ސްކޮޓްލެންޑްގެ ބޮޑުވަޒީރު އެލެކްސް ސެލްމޮންޑް ވަނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް ވޯޓު ދިނުމަށާއި މިނިވަންކަން އިޚްތިޔާރު ކުރުމަށް އިސްކަންދިނުމަށް ސްކޮޓްލެންޑްގެ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ މިއީ މިނިވަންކަން އިޢްލާން ކުރުމަށްލިބޭ ތާރީޚީ ފުރުސަތު ކަމަށާއި މިފުރްސަތުގެ ބޭނުން ނުހިފިއްޖެ ނަމަ ފަހުން ހިތާމަކުރަން ޖެހޭނެ ކަމުގަ އެވެ. ސްކޮޓްލޭންޑްގެ ބޮޑެތި ސިޓީތަކުގެ މަގުތަކުގައި އިއްޔެ ވަނީ ދެފަރާތަށް ތާއީދުކުރާ މީހުން ވެސް އެއްވުންތައް ބާއްވައި އެންމެ ފަހުގެ ކޭންޕޭންގެ ކަންތައް ނިންމާލާފަ އެވެ.
މިއަދު ނަގާ ފެންނަ ނުފެންނަ ވޯޓުގައި އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް ތާއީދުކޮށް 50 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓު ދީފި ނަމަ އިނގިރޭސި ރަސްކަމުގެ އިއްތިޙާދު ރޫޅި ވިލާތުގެ ބައްރުގައި އިނގިރޭސިވިލާތުގެ ބުރަދަން އިޓަލީވިލާތަށްވުރެ ވެސް ދަށަށްގޮސް ޔޫރަޕްގެ ބައްރުގެ ހަތަރު ވަނަ ގައުމުގެ ދަރަޖައަށް އިނގިރޭސިވިލާތް ވެއްޓިގެންދާނެ އެވެ. އަދި މިހެންވެއްޖެ ނަމަ ޔޫރަޕްގެ އިއްތިޙާދުގެ ޕާލަމެންޓްގައި އިނގިރޭސިވިލާތަށް ލިބިފައިވާ ގޮނޑީގެ އަދަދު ވެސް ދަށަށްދާނެތީ ޔޫރަޕްގެ އިއްތިޙާދުގެ ކަންތައްތަކުގައި ވެސް އިސްބަސްބުނުމުގެ ފުރްސަތު އިނގިރޭސިވިލާތަށް ވަރަށް ބޮޑަށް ގެއްލިގެންދާނެ އެވެ. ސްކޮޓްލެންޑްގެ އިގްތިސާދަކީ މާބޮޑު އިގްތިސާދަކަށް ނުވިނަމަވެސް މިނިވަންކަމަށް ވޯޓު ދީފި ނަމަ އިނގިރޭސިވިލާތަށް ލިބިފައިވާ އުތުރު ކަނޑުގެ ތެޔޮފަދަ ގުރްދަތީ ރެސޯސްތައް ބެހުމުގެ މައްސަލަ ވެސް ކުރިމަތިވެގެންދާނެ އެވެ. އަދި ސޮކޮޓްލޭންޑް ވަކިވެއްޖެ ނަމަ އިނގިރޭސި އިއްތިޙާދުގެ މިހާރުގެ ބިމުގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައި ވެސް ގެއްލި ޔޫރަޕްގައި ބިމުގެ ސަރަހައްދު އެންމެ ކުދި ގައުމުތަކުގެ ލިސްޓަށް އިނގިރޭސިވިލާތް ވެއްޓޭނެ އެވެ.
ސްކޮޓްލޭންޑްގެ ރައްޔިތުން މިނިވަންކަމަށް ތާއީދުކޮށް ވޯޓު ދީފި ނަމަ ދުނިޔޭގެ ބޮޑު ފަސްބާރުގެ ތެރެއިން އެއްބާރުގެ ގޮތުގައި އޮތުމުގެ ފުރްސަތު ވެސް އިނގިރޭސިވިލާތަށް ގެއްލިގެންދާނެ ކަމަށް މުހައްލިލުން ލަފާކުރެ އެވެ. ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްކޮޓްލޭންޑް މިނިވަންވެއްޖެ ނަމަ ދުނިޔޭގެ ބޮޑުބާރަކަށް ވާވަރަށްވުރެ މާބޮޑަށް އިގްތިސާދީ ގޮތުންނާއި އާބާދީގެ ގޮތުންނާއި އަސްކަރީގޮތުން އިނގިރޭސި ރަސްކަމުގެ އިއްތިޙާދު ބަލިކަށިވެގެންދާނެތީ މިއީ ފަހަރުގައި ސަލާމަތީ މަޖިލީހުގައި އިނގިރޭސިވިލާތަށް ލިބިފައިވާ ދާއިމީ ގޮނޑި ގެއްލުމުގެ ފުރްސަތު ވެސް އޮތް ކަމެއް ކަމަށް މުޙައްލިލުންދެކެ އެވެ.
މިވޯޓާ ގުޅިގެން ސްޕޭންގެ ބޮޑުވަޒީރު ވެސް ވަނީ ކަންބޮޑުވާކަން ހާމަކުރައްވާފަ އެވެ. ސްޕޭނާ އެކު އިއްތިޙާދީ ގުޅުމަކުން ގުޅިފައިވާ އެގައުމުގެ ކެތަލޯނިޔާގެ ރައްޔިތުންނަކީ ވެސް ސްޕޭނުން ވަކިވެ މިނިވަންވުމަށް މަސައްކަތް ކުރަމުން ގެންދާބައެކެވެ. ސްކޮޓްލޭންޑްގެ ރައްޔިތުން މިނިވަންކަމަށް ތާއީދުކޮށް ވޯޓު ދީފި ނަމަ ވަކިވެގަތުމަށް ކެތަލޯނިޔާގެ ރައްޔިތުންނަށް ހިއްވަރު ލިބިގެންދާނެ ކަމަށާއި މިއީ ހުޅަނގު ޔޫރަޕްގެ ގައުމުތައް ރޫޅިގެން ދިޔުމުގެ ފެށުންކަމުގެ އިންޒާރު ސްޕޭންގެ ބޮޑުވަޒީރު ވަނީ ދެއްވާފަ އެވެ. (ރޮއިޓާސް)