18 Sep 2014, 09:19
ހއ. އިހަވަންދޫ ގުލްޒާރުގޭ އުމުރުން 70 އަހަރުގެ ޢަބްދުﷲ އަބޫބަރުކު، ވީނުވީއެއް ނޭނގި ގެއްލިގެން އެރަށު ރައްޔިތުން ނުކުމެ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ އަބޫބަކުރު މަރުވެފައި އޮއްވައި ފެނިފައި ވަނީ މިއަދު ހެނދުނު 06:18ގައި އެ ރަށު ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއިން ކަމަށެވެ.
"އޭނާ މަރުވެފައި އޮއްވައި ފެނުމާ އެކު އޭނާގެ ހަށިގަނޑު އެ ރަށު ޞިއްޙީ މަރުކަޒަށް ގެންގޮސް މިހާރު އަންނަނީ ފޮރެންސިކް ތަޙުލީލު ކުރުމުގެ މަސައްކަތް ކުރަމުން" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ބެލި ބެލުމުން އަބްދުﷲ އަބޫބަކުރުގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާ ކަމަށް ފާހަގަ ކުރެވިފައެއް ނުވެ އެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މިއަދު ސަން އަށް ވިދާޅުވީ މަރުވެފައިވާ އަބްދުﷲ އަބޫބަކުރަކީ އޭނާގެ އާއިލާ އާއި ދަރިން ވަރަށް ރަނގަޅަށް ބަލަހައްޓަމުން ދިޔަ މީހެއް ކަމަށާއި އޭނާ އިއްޔެ ގެއްލުނުކަން އެނގުނީ އާދައިގެ މަތިން ކަސްރަތަށް ނުކުމެ ހަބަރެއް ނުވުމުން ކަމަށެވެ.
"މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ ދުވަހަކު ވެސް އޭނާ ކަސްރަތަށް ހިނގައިލަންދޭ. އެދިއުމުގެ ތެރެއިން ގެއްލިގެން ހޯދީ، ދެން އަޅުގަނޑަށް މައުލޫމާތު ލިބިފައެއް ނެތް ފަހަކަށް އައިސް މާ ބަލިވެ އުޅުނު ކަމެއްވެސް." ކައުންސިލްގެ ރައީސް އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ އަބޫބަކުރު އޮއްވައި ފެނުނު ފަޅުގެޔަކީ އަލަށް އިމާރާތްކުރަމުން އަންނަ ގެއެއް ކަމަށާއި އެގެއާއި އަބޫބަކުރާ އެއްވެސް ގުޅުމެއް އޮންނަކަން އެނގިފައި ނުވާ ކަމަށެވެ. އެހެންކަމުން އޭނާ އެގެއަށް ދިޔައީ ކޮން ބޭނުމެއްގައިކަން ސާފު ނުވާކަމަށް އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބޫބަކުރު މަރުވެފައި އޮއްވައި ފެނުނު ގެއަކީ އޭނާގެއާ "ފުދޭވަރަކަށް ދުރު،"ގައި ހުންނަ ގެއެއް ކަމަށެވެ. އަދި އޭނާ މަރުވެފައި އޮއްވައި ފެނުނު ވަޅަކީ ބިންގަނޑާ ހަމައަށް ހުންނަ އަދި މައްޗެއް ނާޅާ ހުންނަ ވަޅެއް ކަމަށް އާސިފް ވިދާޅުވި އެވެ.