18 Sep 2014, 04:40
ރާއްޖޭގެ ކެރަމް އެސޯސިއޭޝަންއާއި އައިސީއެފް އިން އިންތިޒާމް ކޮށްގެން މިމަހުގެ 13 އިން އިއްޔެގެ ނިޔަލަށް ބޭއްވި ހަތަރުވަނަ ކެރަމް ވޯލްޑް ކަޕު މުބާރާތުގެ ނިމުން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
ސަން އައިލޭންޑް ރެސޯޓް އެންޑް ސްޕާގައި ރޭ 9:30 ގައި ފެށި އެ ރަސްމިއްޔާތުގައި މުބާރާތުން ވަނަ ވަނައަށް ދިޔަ ކުޅުންތެރިންނަށް ވަނީ މެޑައްޔާއި ހަނދާނީ ފިލަ ހަވާލުކޮށްދީފައެވެ. އިނާމުތައް ބައްސަވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުއާއި ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ރައީސް މުހައްމަދު މުބީނާއި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމާއި ސަން އައިލޭންޑްގެ މެނޭޖަރު ޑރ. އަބްދުﷲ މަޢުސޫމްގެ އިތުރުން އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގެ ރައީސް ޖޯސެފް މޭޔާ އެވެ.

މި މުބާރާތުގެ ފިރިހެން ސިންގަލްސްގެ ހުރިހާ ވަނައެއް ކާމިޔާބުކުރީ އިންޑިއާގެ ކުޅުންތެރިންނެވެ. ޗެމްޕިއަންކަން ހޯދާފައިވަނީ އެގައުމުގެ ސްރިނިވާސް ކުމާރާއެވެ. އެގައުމުގެ މުހައްމަދު ޢުފްރާން ދެވަނަ ހޯދިއިރު ތިންވަނަ ވަނަ ހޯދައިފައިވަނީ ވެސް ހަމަ އެގައުމުގެ ވަޑަމުންޖި އާކާޝް އެވެ.
އަންހެން ސިންގްލްސް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ރާޝްމީ ކުމާރީއެވެ. ދެވަނަ ކަވީތާ ސުމަންޝިތް ހޯދި އިރު ތިންވަނަ ހޯދާފައިވަނީ ކާޖޮލް ކުމާރީ އެވެ.


އަންހެން ޓީމް އިވެންޓްގެ އެއްވަނަ ހޯދީ އިންޑިއާ އިންނެވެ. އެ އިވެންޓުގެ ދެވަނަ ސްރީލަންކާއިން ހޯދިއިރު ތިންވަނަ ހޯދީ ރާއްޖޭގެ އަންހެން ޓީމެވެ.
ފިރިހެން ޓީމް އިވެންޓް ކާމިޔާބުކުރީވެސް އިންޑިއާއިންނެވެ. އެ އިވެންޓުގެ ދެވަނަ ސްރީލަންކާ ހޯދިއިރު ތިންވަނަ ހޯދާފައިވަނީ ބަންގްލަދޭޝް ޓީމެވެ.
ބޮޑުބެރުގެ ހަރަކާތްތައް ފެނިގެންދިޔަ އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިއެފްސީގެ ރައީސްކަމަށް އަލަށް އިންތިޚާބްވެ ވަޑައިގެންނެވި ޖޯސެފް މޭޔާ ވިދާޅުވީ މިފަހަރުގެ މުބާރާތަކީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ ކެރަމް ވޯލްޑް ކަޕް ކަމަށާއި މިފަދަ ފުރިހަމަ މުބާރާތެއް ބާއްވާނެ އިންތިޒާމް ހަމަޖެއްސެވި ކަމަށްޓަކައި ރާއްޖޭގެ ކެރަމް އެސޯސިއޭޝަނަށާއި ސަން އައިލޭންޑްގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ރާއްޖޭގައި މިކަހަލަ ސަޅި ކުޅިވަރެއް ކުޅެލައި މިތަނުގައި ވަގުތު ހޭދަކޮށްލަން ފުރުސަތުދީ މިކަހަލަ ކާމިޔާބު މުބާރާތެއް ބޭއްވިކަމަށްޓަކައި ރާއްޖޭގެ ކެރަމް އެސޯސިއޭޝަން އަށާއި ސަން އައިލޭންޑް އަދި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރަން" ޖޯސެފް ވިދާޅުވިއެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކުޅިވަރުން ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން އުފެއްދުމަށްޓަކައި ގިނަ ޕްލޭން ތަކެއް ރާވާފައި ވަނީ. އެ ހުރިހާ ކަމެއްވެސް ތަންފީޒުކޮށް މިކުޅިވަރު މިއަށްވުރެ މަޤުބޫލު ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން" ޖޯސެފް ވިދާޅުވިއެވެ.
އެ މަގާމް ލިބިވަޑައިގަތުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި އެންމެންގެ އެއްބާރުލުމާއެކީ ކެރަމްގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަމީން ފައިސަލާއި އެ ޖަމްއިއްޔާގެ އެހެނިހެން އިސްބޭފުޅުންގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ ޒާހިރު ނަސީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
