ސެސް ޕަބްރެގާސް ޗެލްސީއަށް ޖަހައިދިން ފުރަތަމަ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ކުރި ހޯދާފައިވަނިކޮށް ފަހު ހާފުގައި ކްލާސް-ޖޭން ހަންޓެލާ ލަނޑެއް ކާމިޔާބުކޮށް ޝަލްކޭއިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި މިރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި، ޝަލްކޭ އަތުން ހޯމް އަދި އަވޭގައި 3-0 ގެ ނަތީޖާއަކުން މޮޅުވެފައި އޮތުންމުން ހޯޒޭ މޮރީނިއޯގެ ޗެލްސީ މިރޭގެ މެޗަށް ނުކުތީ، ޕްރިމިއަ ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރު މޮޅާއެކު، މި މެޗުން ވެސް މޮޅުވާނެކަމުގެ ވަރަށް ބޮޑު އުންމީދަކާއެކު އެވެ. އެހެން ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ޑިޑިއާ ޑްރޮގްބާ، ހަޒާޑް، އަދި ލޮއިކް ރެމީއަށް ލަނޑުޖަހަން ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުގެ ނަތީޖައަކަށްވީ، ޝަލްކޭއިން ކައުންޓާގައި އުފެއްދި ހަމަލާއިން ތިބައުޓް ކޯޓުވާ ބަލަހައްޓަމުން ގެންދިޔަ ގޯލް ފޫއަޅުވާލައި ޕޮއިންޓެއް ކަށަވަރުކުރުމެވެ.

ޝަލްކޭއިން މިރޭގެ މެޗުގައި ޕޮއިންޓެއް ހޯދިއިރު، ވޭތުވެދިޔަ 46 އަހަރުގެ ތެރޭގައި ޖަރުމަނު ލީގުގައި އެ ކްލަބުން ފެނިގެންދާ އެންމެ ދަށް ކުޅުން ފެނިގެންދަނީ މި ސީޒަންގައި ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޖަރުމަނު ލީގުގައި ޝަލްކޭ މިސީޒަންގައި ކުޅުނު ތިން މެޗުން އެ ކްލަބަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މިރޭ ކުޅުނު މެޗުގައި އެޓީމަށް ކުރިހޯދައިދިން ލަނޑު ފަބްރެގާސް ކާމިޔާބުކުރީ، ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑު ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ 27 ވަނަ މިނިޓުގައެވެ.

މިސީޒަންގައި ޗެލްސީއާ އަލަށް ގުޅުނު ލަނޑު މެޝިން ޑިއެގޯ ކޮސްޓާއަށް ރެސްޓެއް ދިނުމަށްފަހު، އެޓީމުގެ ފޯވާޑް ލައިން ލީޑުކުރަން ހަވާލުކޮށްފައި ވަނީ، ޗެމްޕިއަންސް ލީގު ޗެލްސީއަށް ކާމިޔާބުކޮށްދިން އެއް ހީރޯ ކަމަށްވާ ޑްރޮގްބާއެވެ. އަދި އޭނާއަށް އެހީތެރިވުމުގެ ޒިންމާ މޮރީނިއޯ ހަވާލުކުރީ ރަމިރޭޒްއާއި، ވިލިއަންގެ އިތުރުން ފުރަތަމަ ފަހަރަށް ޗެލްސީއަށް ކުޅެންއެރި، ފެލިޕޭ ލުއިޒްއާ އެވެ.

ފުރަތަމަ ހާފުގެ 35 ވަނަ މިނިޓްގައި ފަބްރެގާސްއަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް ލިބުނެވެ. ޝަލްކޭގެ ގޯލް ކުރިމަށްޗަށް ބްރަނިސްލަވް އިވަނޯވިޗް ކުރަސް ކޮށްލި ބޯޅަ ފަބްރެގާސްއަށް ހުސްކޮށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 62 ވަނަ މިނިޓްގައި ހަންޓެލާ ލަނޑެއް ޖަހައި ޝަލްކޭއަށް ނަތީޖާ ހަމަހަމަކޮށްދިނުމުގެ ކުރިން ވެސް ޑްރޮގްބާއާއި ފަބްރެގާސް ވަނީ، ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ބޭކާރުކޮށްލާފައެވެ. އަދި މެޗު ނިމެން ދަނިކޮށް ރެމީއަށް ލިބުނު ފުރުސަތުވެސް އޭނާ ވަނީ ބޭކާރުކޮށްލާފައެވެ.

މި ނަތީޖާއަކީ ޗެލްސީގެ ކޯޗު މޮރީނިއޯ މާޔޫސްކުރުވާނެ ނަތީޖާއެއްކަން ކަށަވަރެވެ. ހާއްސަކޮށް ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެ އިތުބާރާއެކު އޭނާގެ ޓީމު ގޮވައިގެން ނުކުމެ އަމިއްލަ ދަނޑުގައި މިފަދަ ނަތީޖާއެއް ނުުތުމަކީ މޮރީނިއޯއަށް ގަބޫލުކުރަން ދަތި ނަތީޖާއަކަށް ވާނެ އެވެ.

ޗެމްޕިއަންސް ލީގުގެ ޗެލްސީ ހިމެނޭ ގްރޫޕް "ޖީ"ގައި ހިމެނޭ ސްލޮވީނިއާގެ އެންކޭ މަރިބޯއާއި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ވާދަކުރި މެޗުވެސް ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.