18 Sep 2014, 02:04
ހައްޖަށް މީހުން ގެންދަން އެދޭ އަމިއްލަ ފަރާތްތަކަށް ހުއްދަ ދޫކުރާއިރު، ޑިޕޮޒިޓްގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ނަގާގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިރޭ ސަންއަށް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ހައްޖަށް މީހުން ގެންދިއުމަށް އެދޭ އަމިއްލަ ފަރާތްތަކަށް އެ ހުއްދަ ދޫކުރާނީ، ޑިޕޮޒިޓްގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ބެހެއްޓުމުން ކަަމަށެވެ.
"މިއަންނަ އަހަރު ޕްރައިވެޓް ކުންފުނިތަކަށް ހުއްދަ ދޭނީ، ސީދާ ކޭޝްގެ ގޮތުގައި 5 މިލިއަނާއި 8 މިލިއަނާ ދެމެދުގެ ޢަދަދަކަށް ފައިސާ ބެހެއްޓީމަ. އެ އަދަދު ކަނޑައެޅުމާ ބެހޭގޮތުން މިހާރު މިދަނީ މަޝްވަރާ ކުރެވެމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް ފުރުސަތު ބަންދުކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަކީ އެކަމަށް ގާބިލު ބަޔަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޕްރައިވެޓް ސެކްޓާއަށް ފުރުސަތު ބަންދުކުރާކަށް ބޭނުމެއް ނޫން. އެކަމަކު އެވަރު [ޑިޕޮސިޓް ފައިސާ] ނުކުރެވޭ ގްރޫޕްތަކުން ޖެހޭނީ މީހުން ހައްޖަށް ގެންދިއުން ހުއްޓައިލާން. އެ ކުންފުނިތަކަކީ އިދާރީ ގޮތުން ހިންގާ ކުންފުނިތަކަަށް ވާންޖެހޭ. އަދި އަދި ސައުދީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކާ މުއާމަލާތްކުރެވޭ ވަރުގެ ބަޔަކަށް އެ ކުންފުނިތައް ވާންޖެހޭނެ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ހައްޖަށް މީހުން ގެންދާ ފަރާތްތަކަށް ހުއްދަ ދޫކުރުމުގައި ޑިޕޮސިޓް ނަގަން ސަރުކާރުން ނިންމާފައި މިވަނީ، ހައްޖަށް މީހުންގެ ގެންދާނޭ ކަމުގެ ޔަގީންކަން ދީގެން މީހުން އަތުން ފައިސާ ނެގުމަށްފަހު ބައެއް ގްރޫޕްތަކުން އެތައް ބަޔަކަށް ލަނޑުދީ ހަދާފައި ވަނިކޮށެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ރައްޔިތުންނަށް ދެރަ ލިބޭތަން ބަލަން ތިބުމަކީ ދަތިކަމެއް ކަމަށެވެ. ސަރުކާރުން ބޭނުންވަނީ، ދިވެހި ރައްޔިތުންނަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހޯދައިދެވެންހުރި ހުރިހާ ލުޔެއް ހޯދައިދިނުން ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
"އަންނަ އަހަރު ހައްޖު ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދާ އަގު ކުޑަވާނެ. ނިޒާމެއްގެ ތެރެއަށްދާއިރު، ދަތިކަންތައްތަކެއް ދިމާވާނެ. އެހެން ނަމަވެސް އަންނަ އަހަރުން ފެށިގެން ރައްޔިތުން އުފާވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، ހައްޖުކޯޕަރޭޝަނަށް ދުރާލައި ހައްޖަށް ދިއުމަށް މިހާރުވެސް ގިނަ ފަރާތްތަކަކުން ފައިސާ ދައްކާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިހާރު އެތައް މިލިއަން ރުފިޔާއެއް ޖަމާކޮށްފި. 2015، 2016 އަދި 2017އަށް ވެސް މިވަނީ ފުލްވެފައި. މިއީ ކިހާ އުފާވެރިކަމެއްތޯ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.