ހައްޖާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ހައްޖާ ބެހޭ ބިލް މިހާރު ވަނީ ޑްރާފްޓުކޮށް ނިމިފައި ކަމަށާއި މަޖިލީސް ހުޅުވުމާ އެކު ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

"އެބިލް މިހާރު ވަނީ ޑްރާފްޓުކޮށް ނިމިފައި. މަޖިލީސް ހުޅުވުމާއެކު އެބިލް ހުށަހެޅިގެންދާނެ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލަކީ ގާނޫނީ ބުރަދަނެއް ހުންނަ އެއްޗެއް ނޫން ކަމަށާއި އެހެންކަމުން ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުތައް ތަފްސީލީގޮތެއްގައި ބަޔާންކުރާ ގާނޫނެއް ފާސްކުރުމަށް ސަރުކާރުން ނިންމީކަމަށެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްގައި ހައްޖަށް މީހުން ގެންދިޔުމުގައި ހިންގާ ޖިނާއީ ކުށްތަކަށް އަދަބުތައް ކަނޑައަޅާފައިވާނެ ކަމަށާއި ގާނޫނެއް ނެތުމުގެ ސަބަބުން އެފަދަ ފަރާތްތަކަށް އަދަބުވެސް ނުދެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނަކީ ގާނޫނީ ގޮތުން ހިމާޔަތް ވެފައި އޮންނަން ޖެހޭނެ ތަނެއް ކަމަށާއި އެކަން ކުރެވޭނެ މަގު ގާނޫނު ފާސްވުމާއެކު ފަހިވެގެންދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

ދެހާސް ބާރަ ވަނަ އަހަރު ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެމީހުން ހައްޖަށް ނުފޮނުވި މައްސަލައިގައި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ދައުލަތުން ވަނީ ޚިޔާނާތްތެރިވުމުގެ ދައުވާ އުފުލާފަ އެވެ. ނަމަވެސް އެ ދައުވާ އަކީ އެފަދަ ކުށަކަށް އެންމެ އެކަށޭނެ ދައުވާއެއް ނޫން ކަމަށާއި އެހެންކަމުން އެކަމަށް ޚާއްސަ ގާނޫނެއް ބޭނުންވާ ކަމަށް ގިނަ ގާނޫނީ ވަކީލުންތައް ވެސް އަންނަނީ ވިދާޅުވަމުންނެވެ.