މާލޭގެ "ކޮށިއަރާފައިވާ" ދިރިއުޅުމުގައި އެންމެންގެ ސިޓިން ރޫމް ކޮފީ މޭޒުތައް ދޮށުން ފެށިގެން ހުރިހާ ދިމާއެއްގައި އިއްޔެ ވެސް މިއަދު ވެސް މާދަމާ ވެސް ދައްކާނެ ވާހަކައަކީ ރާއްޖޭގައި ހާއްސަކޮށް ވެރިރަށް މާލެ ބިރުވެރި ތަނަކަށް ބަދަލުވެ، ތޫނު ހަތިޔާރުން މީހުން ކޮށައި ބުރިބުރި ކުރަމުންދާ ވާހަކަ އެވެ. ކޮންމެ ދުވަހެއްގެ ސުރުޚީތަކުގައި ވަޅިން ހަމަލާދީ މީހަކު ޒަޚަމްކުރާ ހަބަރެއް ނޯވެ ނުދާ ތަނަކަށް ރާއްޖެ ބަދަލުވުމުން މިއީ މިހާރު މުޅިން ބާ ވާހަކައެކެވެ. މިހާރުގެ ޚަބަރަކީ މީހެއްގެ ގަޔަށް ލޮލަށް، ބޮލަށް ވަޅިއެއް ޖެހުމެއް ނޫނެވެ. ޚަބަރަކީ ވަޅި ހިފައިގެން ނުކުމެ މީހަކު ކޮށައި ނުލުމެވެ.

މިއަދުގެ ހާލަތަކީ ގޭންގްސްޓާރުންނާއި ގޭންގްތަކާއި އެފަދަ ސަރަހައްދުތައް އުފެދި ޖެހިލުމެއް ނެތި އޯގަނަައިޒް ކުށްތައް ރާވައި ކުށަށް އަރައިގަތުމެވެ. ވަޅި އަޅާކަށް ދުވާލުގެ އަލިކަމެއް ނުވަތަ ރޭގަނޑުގެ އަނދިރިކަމެއް ނެތެވެ. ބިރުވެރި ކަމުގެ ކޮޅެއް ނެތެވެ. ވޭތުވެދިޔެ ދެތިން އަހަރެއްހާ ދުވަސް "ވަޅީގެ ހަމަލައިގެ" އަހަރުތަކަށް ބަދަލުވެ ވަޅިން ހަމަލާދިނުމުގައި އެންމެ ނުރައްކާތެރި ދަރަޖައިގެ ވެރިރަށަކަށް މާލެ ބަދަލުވެ މީހުން މެރުން އާންމުވެފައިވާއިރު ވަޅިތަކާއި ކަނޑިތައް އަތުލަން ހިންގުނު ބޮޑު އޮޕަރޭޝަނެއް ނެތޭ ބުނަންޖެހެނީ ކޮންމެ ދުވަހަކު ވެސް ވަޅީގެ ހަމަލަތައް އަމާޒުވަމުން ދާތީ އެވެ.

ކުށަށް އަރައިގަތުމާއި ކުށުގެ ގޮތްފޮތް ވެސް ބޮޑުވެ ބަދަލުވަމުންދާއިރު ހަމަލާތަކުގައި ވަޅިތަކުގެ ތިލަ މިހާރު އަމާޒުވަމުން ދަނީ މީހުންގެ ލޮލަށެވެ. އެހެން ކަމުން މިހާރު ހާލަތު ބަދަލުވަމުން ދަަނީ ނުރައްކާތެރިިކަމުގެ އިންތިހާއަށެވެ.

"ލޮލަށް ވަޅިޖެހި ހާދިސާގައި ފްރެންޑެއް ބަލައި ގޮސް ސައިކުމަތީ އިންދާ ވަޅިހެރީ. އަސްލު އެ ފްރެންޑު ގަޔަށް ވަޅި ހަރަން އުޅުނީ. އޮޅިގެން ވަޅި ހެރީ އެހެން ކުއްޖާގެ ގަޔަށް. އޭނާގެ ވައަތު ލޯ މެދުން ބުރިވީ. ވަޅި ޖަހައިފައި އެމީހުން ވަގުތުން ފިލީ،" ދާދިފަހުން ހެންވޭރު ރިލެކްސިން ކައިރީ ހިންގި މާރާމާރީ ކައިރިން ދުށް މީހަކު ސަންއަށް ކިޔައިދީފައިވެ އެވެ.

ތޫނު ހަތިޔާރާ އެކު މާލޭގައި ހިންގާފައިވާ ގިނަ މާރާމާރީތަކެއްގައި ކުރިން ބައިވެރިވެފައިވާ ޒުވާނަކު ބުނީ "ވަޅިހަރަން އެއްވެސް ވަރަކަށް ޖެހިލުން ނުވާ." ކަމަށެވެ.

"ގިނަ ފަހަރު ވަޅި ޖަހާ މީހާގެ ނަމެއް ނޫން ފުލުހުން ގާތުގައި ބުނަނީ ވެސް. ވަރަށް އެޑްވާންސްކޮށް އެކަންތައް ކުރަނީ،"

ފުލުހުންނަށް ކޮންމެ މައުލޫމާތެއް ދިނަސް ވަޅީގެ ހަމަލަތަކުގައި މީހުން ކޮށައި ކުދި ކުރަމުން ދިޔައަސް އެކަންކަމާ ބިރުގަތުން ފިޔަވައި ކުރެވޭ ބޮޑު ކަމެއް ނުފެނެ އެވެ. މައިގަނޑު ގޮތެއްގައި ފުލުހުން ކުރާ ކަމަކަށް ވެފައި އޮންނަނީ "ހާދިސާ އިތުރަށް ތަހުގީގު ކުރުން" ކަމަށް އޮންނަނީ ވެފަ އެވެ.

"މިކަމާ ގުޅޭ ގޮތުން ވާހަކަައެއް ނުދެކެވޭ. މިކަމާ ގުޅޭ މައުލޫތަކުގައި ގިނަ ބައެއްގެ އަތް ވަނީ ހުއްޓިފައި. އަނގަ ވަނީ ޓޭޕްއަޅާފައި. މި ރަށުގެ ޒުވާނުންތައް މާރާމާރީތަކުގައި ނިމެމުން ދާއިރު ކަމާ ބެހޭ އިދާރަތައް ކޮބައި؟ އެބޭފުޅުން ތިއްބެވީ އިތުރަށް ތަހުގީގު ކުރެއްވުމުގައި. ބެލެނިވެރިން ކޮބައި؟ ހުދު މިވާހަކަތައް އަޅުގަނޑުގަނޑު ވެސް މިދައްކަނީ ނަން ހާމަ ނުކުރާ ގޮތަށް،"

ނޭވާއެއް ނުލެވޭ ވަރަށް މީހުން އަރައި ބަރުވެފައިވާ މާލެ، ކުށުގެ ހާއްޔަކަށްވެ، ހުރިހާ ޒުވާނުން އަތަށް ވަޅީގެ މުށްގަނޑު ހެޔޮވަރުކޮށްގެން ޖެހުނުހާ މީހެއްގެ ލޮލަށް ހަރަމުންދާ ނުރައްކާތެރި ރަށަކަށް ވެރިރަށް ބަދަލުވެ އެންމެ ނުރައްކާތެރި ދަރަޖައަށް ވެެއްޓެމުންދާއިރު މިކަމުގައި ގޮތެއް ކިޔޭވަރުގެ ބަޔަކު ނަމަ ތިބީ ގަރަނބު ވަމުން ދާ ސިޔާސީ މައިދާނަށް ގެއްލިފަ އެވެ.

"އެތައް ޒުވާނެއްގެ ފުރާނަ ލޯ ކުރިމަތިން ގެއްލި ދާއިރު ވެސް އެންމެން ފުރޮޅަނީ މުޅިންވެސް އަމިއްލަ މަސްލަހަތު ހިމެނޭ ގާތައް. މިކަމާ އަޅާލާނެ ފިޔަވަޅު އަޅާނެ ފަރާތެއް ނެތް،"

މިއިން ދައްކައިދެނީ ކުރިން ވެސް ތުހުމަތުގެ އިނގިލި ދިއްކުރެވެމުން އައި ގޮތައް އޯގަނައިޒް ކްރައިމް އުފައްދާ ބޮޑެތި ގޭންގުތަކެއް މާލޭގައި އުފެދި މުޅި މާލެއަށް ވެރިވެގެންފައިވާ ކަމާއި އެ ގޭންގްތައް އޮޕަރޭޓް ކުރަން މިލިއަނުން ފައިސާ ޚަރަދު ކުރާ، ސިޔާސަތާ ގުޅިފައިވާ ބަޔަކު ތިބުމުން ކަމެވެ.

މިދިޔަ އަހަރު ފުލުހުންނަށް 16995 މައްސަލަ ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން ތަހުގީގު ފުރިހަމަކޮށް ދައުވާކުރަން ހުށަހެޅި 776 މީހަކަށް ޝަރީއަތުން މިދިޔަ އަހަރު ހުކުމްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވިޔަސް އޭގެ ތެރެއިން ގިނަ މީހުން މިއަދު ވެސް އުޅެމުން ދަނީ އެމީހުންގެ "ވަޅި"އާ އެކު މިނިވަނުންގެ ގޮތުގައި މާލޭގެ ތެރޭގަ އެވެ.

މިދިޔަ އަހަރުގެ ފުލުހުންގެ ތަފާސް ހިސާބުތަކުން ނުރައްކާތެރި މަންޒަރެއް ފެނެ އެނެ އެވެ. މާރާމާރީގެ 1638 މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ އިރު އެފަދަ މައްސަލަތަކުގައި އެންމެ ގިނައިން ހައްޔަރު ކޮށްފައި ވަނީ 18 އަހަރާ 24 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އަދި އުމުރުން 18 އަހަރު ފުރިފައިނުވާ 131 ކުއްޖަކު ފުލުހުން ވަނީ މާރާމާރީގެ މައްސަލަތަކުގައި މިދިޔަ އަހަރު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އުމުރުން 12 އަހަރުގެ ކުޑަކުދިން ވެސް ހިމެނެ އެވެ.

ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ބިނާވެފައި އޮތީ 2011 އިން 2013 އަށެވެ. މުޅި ޕްލޭންގެ މައިގަނޑު އެއް ބަޔަކީ މާރާމާރީ ހުއްޓުވު މެވެ. މިހާރު މިއޮތީ އެޕްލޭންގެ ތެރެއަށް ފެތޭ، 2011 ފެށިފަ އެވެ. އެހެންނަމަވެސް އަހަރުގެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި ވަޅިހަރައި ހަތަރު މީހަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. މިދިޔަ އަހަރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ކުށުގެ ރިކޯޑް 11 ޕަސެންޓް ދަށްވެފައިވާކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު ފެންނަ މަންޒަރަށް ބަލާއިރު ވަޅިޖެހުން މަދުވާތަނެއް ނުފެނެ އެވެ. ފުލުހުން ވެސް އެކަމާ ދެބަހެއް ނުވެ އެވެ.

"މިދިޔަ އަހަރު ކުށުގެ ރިކޯޑް 11 ޕަސެންޓަށް ދަށްވި ނަމަވެސް ބޮޑެތި ކުށްތައް ހަމަ މިދަނީ އިތުރު ވަމުން ކަން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ" ސަބްއިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

އިންސްޕެކްޓާ އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވި ގޮތުގައި ކުށުގެ މިފަދަ މާހައުލެއް އޮތް ތަނެއްގައި ޕްލޭނެއް ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަކީ ވަރަށް ގިނަ ރިސޯސް އާއި ފައިސާ ބޭނުންވާކަމެކެވެ.

މާރާމާރީގެ މައްސަލަތައް އިންތާހަށް ގޯސްވެ ހައްލެއް ނުހޯދި ދާއިރު ވަޅިހިފައިގެން މަގުމައްޗަށް ނުކުންނަ މީހުން ދަނީ ހައްތާ ގިނަވަމުންނެވެ. ހަމަލާތައް ދަނީ އިތުރުވަމުންނެވެ. ހަމައެއާ އެކު ބޮޑެތި ގޭންގްތައް އޮޕަރޭޓް ކުރަން މޫނުމައްޗަށް ބިދޭސީން ނެރެފައިވާއިރު ދެންތިބި މީހުން އުޅެންޖެހިފައި ވަނީ ބިރުވެރިކަމުގެ ތެރޭގައި ފުރާނަ އަތަށް ލައިގެނެވެ.