18 Sep 2014, 01:06
ހައްޖަށް ދިޔުމުގެ އަގު އަންނަ އަހަރު ވަރަށް ބޮޑުތަން ކުޑަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަންނަ އަހަރު ހައްޖަށް ދިޔުމުގެ އަގު ކުޑަކުރުމަށްފަހު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށާއި އެއީ އުފާވެރިކަން ހުރި ކަމެއް ކަމަށެވެ.
"ހައްޖަށް ދިއުމުގެ އަގަށް، އިންޝާﷲ މި ފެށޭ އަހަރު ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމަށް މިބަލަނީ. ވަރަށް އަވަހަށް އަގު އިއުލާންކުރާނަން. އުފާވެރިކަން ހުރި،" ޓްވީޓުގައި ވިދާޅުވި އެވެ.
Hajjah dhiunuge agah, insha Allah mi feshey araru v bodu luyeh annaane kamah mi balani, varah avahah agu iulaan kuraanan, ufaaverikan huri
— د.محمد شهيم علي سعيد (@Mohamedshaheem1)September 17, 2014
މިނިސްޓަރު މިރޭ ސަންއަށް ވިދާޅުވީ، އެމަނިކުފާނު 2012 ވަނައަހަރު މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި އިރަށްވުރެ މިހާރު ހައްޖަށްދާ މީހުން އަތުން ނަގާ ފީ ވަރަށް ބޮޑުތަން ކުޑަވެފައިވާ ކަމަށެވެ.
"އަޅުގަނޑު ވަޒީރުކަމާ ފުރަތަމަ ހަވާލުވިއިރު، އަގުތަށް ހުރީ 85،000ރުފިޔާއާ ގާތްކުރާ ވަރަކަށް. އަޅުގަނޑުމެން މަސައްކަތްކުރީ އަގުތައް ކުޑަކުރަން. ޖެހިގެން އައި އަހަރު އެއަށްވުރެ ކުޑަ. އަދި މިއަހަރު އެއަށް ވުރެ ކުޑަ. މި އަންނަ އަހަރު މިހާރަށްވުރެވެސް ކުޑަކުރާނަން އިންޝާ ﷲ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ހައްޖުގެ އަގަށް ގެންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތައް މިހާރު ކުރެވެމުންދާ ކަމަށާއި އަދި އަގަށް އަންނަ ބަދަލުތައް ކައިރި މުސްތަގުބަލެއްގައި އިއުލާނުކުރައްވާނޭ ކަަމަށެވެ.
"މިއީ ރައްޔިތުންނަށް ލިބޭނޭ ވަރަށް އުފާވެރި ހަބަރެއް. އަގުތަށް ފަހުން އިއުލާނުކުރާނަން. އެކަމަށް ބާވާ ހާއްސަ ރަސްމިއްޔާތެއްގައި،"ޑރ. ޝަހީމް ވިދާޅުވި އެވެ.
މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 1000 މީހުންގެ ކޯޓާ ލިބިފައިވާއިރު، ސަރުކާރުން ވަނީ ހައްޖަށްދާ ފާރާތްތަކުގެ އަތުން މިއަހަރު 69،965 ރުފިޔާއަށް ވުރެ ބޮޑު އަގެއް ނުނެގޭ ގޮތަށް ހަމަޖައްސައިފައެވެ.