18 Sep 2014, 00:14
ހއ. އިހަވަންދޫ ގުލްޒާރުގޭ އުމުރުން 70 އަހަރުގެ ޢަބްދުﷲ އަބޫބަރުކު، ވީނުވީއެއް ނޭނގި ގެއްލިގެން އެރަށު ރައްޔިތުން ނުކުމެ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް މުޢީދު އިބްރާހީމް ސަންއަށް މިރޭ ވިދާޅުވީ، އަބްދުﷲ އަބޫބަކުރު ގެއްލިގެން ހޯދަންފަށާފައިވަނީ، މިއަދު ހަވީރު 5:00 ކަންހާއިރު، އޭނާ ބޭރަށް ދިޔަގޮތަށް ހަބަރެއް ނުވުމުން އާއިލާއިން އެކަން ކައުންސިލަށް ރިޕޯޓުކުރުމުން ކަމަށެވެ.
"އަބްދުﷲ އިބްރާހީމް އާންމުކޮށް އެގަޑީގައި ބޭރަށް ނުކުމެ އުޅޭ މީހެއް އެއީ. އެކަމަކު މަޣްރިބު ނަމާދަަށް ފަހު ކޮންމެ ރެޔަކުވެސް ގެޔަށް އަންނާނެ. ދެން، މިރޭ މަޣްރިބް ނަމާދަށް ފަހު ވެސް ގެޔަށް ނައި ލަސްވުމުން އާއިލާއިން އެކަން ކައުންސިލަށް ހުށަހެޅީ، މިރޭ 8:45 ކަންހާއިރު،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
މުޢީދު ވިދާޅުވީ، ޢަބްދުﷲ އިބްރާހީމް އެންމެ ފަހުން ފެނިފައިވަނީ، ހަވީރު 6:10 ކަންހާއިރު އިހަވަންދޫ ކުނިކޮށްޓާ ދިމާއިން ގޮނޑުދޮށުން ކަމަށެވެ. އަދި އެރަށުގައި ހުންނަ ފުލުހުންގެ އިރުޝާދާއެކު، ކައުންސިލުން ރައްޔިތުންނާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މުޢީދު ވިދާޅުވި އެވެ.
"ރަށުގެ ބައެއް މީހުންނަށް އަބްދުﷲ އިބްރާހީމް، މިރަށު ކުނިކޮށްޓާދިމާ ގޮނޑުދޮށުން ފެނުނު ކަމަށް ބުނޭ. ދެން ގޮނޑުދޮށުން އިރުން ހުޅަނގަށް އެއްގަމާވީ ކޮޅަށް ހިނގާފައިވާ އޭނާގެ ފިޔަވަޅުތަކެއް ކަމަށް ބެލެވޭ ފިޔަވަޅުތަކެއް އެބަހުރި ގަސްތަކާ ދިމާއަށް،" މުޢީދު އިތުރަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިރޭ 9:00 އިން ފެށިގެން ފުލުހުންގެ އިރުޝާދުގެ މަތިން ކައުންސިލާ ގުޅިގެން ރަށުގެ ރައްޔިތުން، ދަނީ އަބްދުﷲ އިބްރާހީމް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެހެން ނަމަވެސް އަދި މިހާތަނަށް އޭނާގެ އެއްވެސް ހަބަރެއް ނުވާކަމަށެވެ.
"ރަށުގެ ވަށައިގެން 100 ފޫޓު ބޭރަށް މޫދުތެރެ މިހާރުވަނީ، ހޯދިފައި، އަދި ވަލުތެރެވެސް ބަލަންފަށާފައި މިވަނީ،" ނައިބުރައީސް ވިދާޅުވި އެވެ.