17 Sep 2014, 22:52
ސްރީލަންކާގެ "ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޮރ ކޮރަޕްޝަން" (ސީއައިއޭބީސީ)ގެ އިސްބޭފުޅުންގެ ވަފްދެއް ރާއްޖެއަށް ވަޑައިގެންފި އެވެ.
ޔޫއެންއޯޑީސީ އާއި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން، ސަރަޙައްދީ ފެންވަރުގައި ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް އިތުރަށް ފުޅާކުރުމާއި ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް އެއްގައުމު އަނެއްގައުމާ ޙިއްސާކޮށް މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން ކަމަށެވެ.
މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ސީއައިއޭބީސީ ސްރީލަންކާގެ ޗެއަރމަން ޖަސްޓިސް ޑީ. ޖަގަތު ޑި ސިލްވާ ބާލަޕަތަމްބެންޑީ އާއި، އެކޮމިޝަނުގެ އިސް ތިންބޭފުޅަކާއި، ޔޫ އެން އޯ ޑީ ސީ ގެ ރީޖަނަލް އެންޓި-ކޮރަޕްޝަން އެޑްވައިޒަރ މިސްޓަރ ނިމޭޝް ޖާނީ އެވެ.
މި ވަފްދުގެ ބޭފުޅުން މިއަދު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްއާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ބައްދަލުކުރައްވާފައިވެއެވެ. އަދި އޮޑިޓަރ ޖެނެރަލް އާ ބައްދަލު ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ސްރީލަންކާގެ ސީއައިއޭބީސީގެ ވަފްދު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރު ނިންމަވާލެއްވުމަށް ފަހު މާދަމާ ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.