‏މި އަހަރުގެ ނޮވެމްބަރު މަހު ނޭޕާލުގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ސާކް ‏‏ސަމިޓުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދިވަޑައިގެން، ނޭޕާލުގެ ބޮޑުވަޒީރު ސުޝިލް ކޮއިރަލާ، ‏‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދައުވަތު އަރުއްވައި ސިޓީފުޅެއް ‏‏ފޮނުއްވައިފި އެވެ.‏

މިސިޓީފުޅު، ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވީ، ނޭޕާލުގެ ބޮޑުވަޒީރުގެ ހާއްސަ ‏‏މަންދޫބެއްގެ ހައިސިއްޔަތުން އެ ގައުމުގެ ފޮރިން މިނިސްޓަރު މަހެންދްރާ ‏‏ބަހާދުރު ޕާންޑޭ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ ރައީސް އޮފީސް

‎މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ‏‏ދިވެހި ރާއްޖެ އާއި ނޭޕާލާ ދެ ގައުމުގެ ‏ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ‏‏ރައީސް ޔާމީނާއި ނޭޕާލުގެ ފޮރިން މިނިސްޓަރު ‏ބައްލަވައިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ‏

އެ ބައްދަލުވުމުގައި ވަކިން ހާއްސަކޮށް، ‏‏ތައުލީމާއި ވިޔަފާރީގެ ދާއިރާގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ‏‏ދެބޭފުޅުން ‏މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ‏
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެެރެއިން -- ފޮޓޯ ރައީސް އޮފީސް

ރާއްޖޭގެ ގިނަ އަދަދެއްގެ ދިވެހި ކިޔަވާކުދިން ‏‏ނޭޕާލުގައި މިހާރު ވެސް ތައުލީމު ‏‏ހާސިލުކުރަމުންދާކަން ‏‏ފާހަގަކުރައްވަމުން، މެޑިސިންގެ ދާއިރާ އިން ‏‏ކިޔަވަން ބޭނުންވާ ދިވެހި ‏‏ކުދިންނަށް ނޭޕާލުގެ ޔުނިވަސިޓީތަކުން އިތުރު ފުރުސަތުތައް ހޯއްދަވައި ދެއްވުމަށް ‏‏‏މަސައްކަތްކުރައްވާނެ ކަމުގައި ފޮރިން މިނިސްޓަރު ‏މަހެންދްރާ ބަހާދުރު ޕާންޑޭ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.