މޫދާއި ކަނޑާ ގުޅުންހުރި ތިމާވެށީގެ މައްސަލަތަކަށް އާއްމުން އަހުލުވެރިކުރުވުމަށް އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އިން ހާއްސަ މެރިން ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

"މޫދު މާކަނޑު ފެސްޓް 14"ގެ ނަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީގެ އިތުރުން އއ. އަތޮޅު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ އެ ފެސްޓިވަލް ބާއްވަން ހަމަޖެހިފައިވަނީ، އއ. މަތިވެރީގައެވެ.

އައިޔޫސީއެން އިން ބުނީ، އާއްމުންނާއި ސްކޫލް ދަރިވަރުންނަށް މޫދާއި ކަނޑުގެ ދިރުމާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވައިދީ ކަނޑާއި މޫދާ ގުޅުންހުރި ތިމާވެށީގެ މައްސަލަތަކަށް އަހުލުވެރިކުރުވުމަށް ބާއްވާ އެ ފެސްޓިވަލް މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އއ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ މާލީ އެހީގެ ދަށުން، މުރަކަ ފަރުތައް ބެލެހެއްޓުން ހަރުދަނާކޮށް މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ތަހައްމަލުކުރުމުގެ ކުޅަދާނަކަން ގައުމުތަކަށް ހޯދައިދޭ މަޝްރޫއެއް ކަމަށްވާ، ޕްރޮޖެކްޓް ރިޖަނަރޭޓްގެ ދަށުން ބާއްވާ އެ ފެސްޓިވަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އައިޔޫސީއެން އިން ބުނީ، އެ ފެސްޓިވަލްގައި ސްނޯކްލިންނާއި ފަތަން ދަސްކޮށްދިނުމާއި ސްކޫބާ ޑައިވިން ތަޖުރިބާ ކޮށްލުމުގެ އިތުރުން، ގޮނޑުދޮށް ސާފުކުރުމުގެ މުބާރާތަކާއި ކުނިބުނިން އެއްޗިހި ހެދުމުގެ މުބާރާތެއް ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން، ސާނަވީ ތައުލީމު ނިންމުމަށްފަހު ރާއްޖޭގައި ތިމާވެއްޓާ ގުޅުންހުރި ދާއިރާތަކުން ކުރިއަށްދާނެ ފުރުސަތަކާ ބެހޭ މައުލޫމާތު ދިނުމަށް ގައުމީ ޔުނިވާސިޓީގެ ފަރާތުން ސްޓޯލަކާއި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) އިން ފަސްޓް އެއިޑް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްދާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އައިޔޫސީއެންއަކީ ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން އުފައްދާފައިވާ އެންމެ ފުރަތަމަ އަދި އެންމެ ގިނަ ދުވަސްވީ ޖަމިއްޔާއެވެ. އެ ޖަމިއްޔާގެ ހަރަކާތްތައް 1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުރިއަށް ގެންދާއިރު، ތިމާވެއްޓާ ތަރައްގީއާ ގުޅިފައިވާ ގިނަ މަޝްރޫއުތަކެއްގައި އެ ޖަމާއަތުން ވަނީ ހަރަކާތްތެރިވެފަ އެވެ.

އައިޔޫސީއެން ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި 200 އަށްވުރެ ގިނަ ގައުމާއި 900 އަސް ވުރެ ގިނަ އަމިއްލަ ޖަމިއްޔާތައް ހިމެނެ އެވެ.