ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ދެއްކި ކަހަލަ ކުޅުމެއް ކުޅެގެން އާސެނަލްއަށް މި ސީޒަންގައި ތައްޓަކާ ހަމައަށް ދެވޭނެ ކަމަކަށް ގަބޫލް ނުކުރެވޭ ކަމަށް އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ޕައުލް މާސަން ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ މެޗް ރިވިއު ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޕައުލް ބުނީ ރޭ ކުޅުނު މެޗުގައި އާސެނަލްގެ ހުރިހާ ކުޅުންތެރިން ވެސް ވަނީ ބަލިވެފަ ކަމަށެވެ.

"އާސެނަލް ވަރަށް ފަގީރު. ވެލެބެކްއަށް ލިބުނު ހެޓްރިކް ހަދާނެހާ ފުރުސަތު. އެކަމަކު އާސެނަލްގެ ޑިފެންސް ފޫ އަޅުވާފައި ގޯލް ޖަހަން ޑޯޓްމަންޑަށް ލިބުނު 10 ވަރަކަށް ރަނގަޅު ފުރުސަތު. އަހަރެންނަށް އިނގޭ އާސެނަލް ޖަރުމަނަށް ދިޔައީ އުނދަގޫ މެޗެއް ކުޅެފައި ކަން. އެކަމަކު ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާނަމަ ކަންތައްތައް ދާނީ މިހެން،" އާސެނަލް އަށް 289 މެޗް ކުޅެދީފައިވާ ޕައުލް ބުންޏެވެ.

ރޭ ޗެމްޕިއަންސް ލީގުގައި 90 މިނެޓް ތެރޭގައި އާސެނަލްއަށް ޑޯޓްމަންޑްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މެޗުގެ ކުރިން އާސެނަލް ޓީމު މޮޅުވާނެ ކަމަށް ވާހަކަ ދެކެވުނަސް މެޗު ކުޅޭތަން ފެނުމުން އާސެނަލް މޮޅު ނުވާނެމަކަމަށް ޕައުލް ބުންޏެވެ.

"މެޗު ފެށުމުގެ ކުރިން އަހަރެމެން މިކިޔަނީ ލީގުން މޮޅުވާނެޔޭ. އެކަމު ކުޅޭތަން ފެނުމުން އެނގޭ އެކަން އޮތީ އެތަށް މޭލެއް ދުރުގައި ކަން. މިކަންތައް ރަނގަޅުކުރަން ކޮންމެވެސް ކަމެއް އެބަ ކުރަން ޖެހޭ. މިއީ އަލަށް ވާ ކަމެއް ނަމަ އެންމެ ރަނގަޅު. އެކަމަކު މިހެން އާސެނަލަށް ކޮންމެ ސީޒަނަކު ހަތަރެއް ނުވަތަ ފަސް ފަހަރު ވޭ،" މާސަން ބުންޏެވެ.

އާދައިގެ ކުޅުމަކަށް ވުރެ ދެރަ ކުޅުމެއް ދައްކާފައިވާ އާސެނަލްއަށް އެކަން މެދުވެރިވި ސަބަބެއް ސާފުކޮށް ބުނެވިފައި ނުވި ނަމަވެސް ޖެހިޖެހިގެން ދެ މުބާރާތެއްގައި ކުޅެން ޖެހުމަކީ ސަބަބަކަށް ވެދާނެކަމަށް މާސަން ބުންޏެވެ.

"ޗެމްޕިއަންސް ލީގުގައި ކުޅޭއިރު އެއްވެސް އުޒުރެއް އޮވެގެން ނުވާނެ. ޕްރިމިއާ ލީގުގައި އެބަ ކުޅޭ ހޮނިހިރު ދުވަހާ އާދިއްތަ ދުވަހާ. ދެން ބުދަ ދުވަހު ކުޅެން ޖެހެނީ ޗެމްޕިއަންސް ލީގުގައި. އެކަމަކު އެއީ އަބަދުވެސް އެކަން އޮންނަ ގޮތް،" މާސަން ބުންޏެވެ.