މެންޗެސްޓާ ޔުނައިޓެޑްގެ ބެލްޖިއަމް މިޑްފީލްޑަރު އަދްނާން ޔަނޫޒާ އެ ޓީމަށް ފިޓު ނޫން ކަމަށް ޔުނައިޓެޑްގެ ކުރީގެ ވިންގާ ކެއިތު ގިލެސްޕީ ބުނެފި އެވެ.

ކުރީގެ މެނޭޖަރު ޑޭވިޑް މޮއެސް ޓީމު ހިންގަން ހުރި އިރު ރަނގަޅު ޔަނޫޒާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި ސީޒަންގައި އެނާ ފެނިގެންދަނީ ބެންޗުންނެވެ.

ޔުނައިޓެޑްގެ އާ މެނޭޖަރު ލުއިސް ވެން ހާލް، ޓީމުގެ ސްކްއޮޑު ބަދަލުކޮށް ވަރުގަދަ ކޮށްފައިވާއިރު ޔަނޫޒާއަށް އެ ސްކޮޑުން ޖާގަ ހޯދުމަށް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

ޔުނައިޓެޑް ދޫކޮށް 1995 ގައި ދިޔަ ގިލެސްޕީ ބުނީ ވެން ހާލް އެކުލަވާލާފައިވާ އަގުބޮޑު ސްކްއޮޑުގައި ޔަނޫޒާއަށް ޖާގައެއް ނެތް ކަމަށެވެ.

"ދެރަ ތަންކޮޅަކީ، މިހާރު ވެން ހާލް އެކުލަވާލަފާ އޮތް އަގުބޮޑު ސްކްއޮޑުގެ ސަބަބުން ޔަނުޒާ އަކީ ފުރަތަމަ ޗޮއިސް އަކަށް ނުވާނެ،" ގިލެސްޕީ ބުންޏެވެ.

ގިލެސްޕީ ބުނީ ޔަނުޒާ އަކީ އަދި ޒުވާން ކުޅުންތެރިއެއް ކަމަށާއި ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ހުރުމަށްޓަކައި އޭނާއަށް އިތުރު ތަޖުރިބާ ބޭނުން ކަމަށެވެ.

"އޭނާ އަދިވެސް ވަރަށް ޒުވާން. ގިނަ މެޗުތަށް ކުޅެން އޭނާއަށް ލިބެންޖެހޭ. އޭރުން އޭނާއަށް އޭނާގެ ފުލް ޕޮޓެންޝަލަށް އާދެވޭނީ. މިދިޔަ ސީޒަން ވަރަށް ގޯސްކޮށް ދިޔައީ. މިހާރު އޭނާގެ ފަރާތުން އެދެވާ ކުޅުމެއް ނުފެނޭ،" ގިލެސްޕީ ބުންޏެވެ.

ސަންޑަލޭންޑާ ދެކޮޅަށް ޔުނައިޓެޑްގެ 21 އަހަރުން ދަށުގެ ޓީމު ކުޅުން މެޗުގައި ހެޓްރިކް ހަދާފައިވާ ހަދާފައިވާ ޔަނޫޒާ ބުނީ އޭނާ ހުރިހާ ކަމެއް ކުރަނީ ޓީމުގެ ކޯޗު 'އިމްޕްރެސް' ކުރަން ކަމަށެވެ.
.
"ވަރަށް ބައިވަރު މެޗުތަކެއް ކުޅެފިން. މި ބަލަނީ މެނޭޖަރު އިމްޕްރެސް ކޮށްގެން އިތުރު މެޗުތަކެއް ލިބޭތޯ. މި މަސައްކަތް ކުރަނީ އެންމެ ބުރަކޮށް،" ޔަނޫޒާ ބުންޏެވެ.