17 Sep 2014, 19:39
އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރު ދަށުގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އިންޑީއާ ޓީމާ ދެކޮޅަށް ކުޅުނު ކުޅުމާ އަޅައިބަލާއިރު، ތައިލޭންޑާ ދެކޮޅަށް ރާއްޖޭގެ ކުޅުންތެރީން މިއަދު ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށް، ޓީމުގެ ކޯޗު އިބްރާހީމް ހަލީމް (ޖަޑާ) ބުނެފި އެވެ.
ކޮރެއާގެ އިންޗިއޯންގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވާދަކުރި ދެވަނަ މެޗުގައި މިއަދު ތައިލޭންޑް އަތުން ބަލިވީ 10-0 ލަނޑުންނެވެ. އަދި މުބާރާތުގައި ރާއްޖެ ވާދަކުރި ފުރަތަމަ މެޗުގައި އިންޑިއާ އަތުން ވަނީ 15-0 ލަނޑުން ބަލިވެފައެވެ.
"ފުރަތަމަ މެޗާ އަޅައިބަލާއިރު މި މެޗުގައި މިވަނީ ލަނޑުގެ އަދަދު މަދުކުރެވިފައި. އަދި ކުޅުންތެރީން ވަނީ، އަހަރެން ބުނިގޮތަށް މަސައްކަތް ކޮށްފައި. މުޅި މެޗުގައި ހުރިހާ ކުޅުންތެރީންގެ ފަރާތުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި،" ކޯޗު ޖަޑާ ބުންޏެވެ.
ޖަޑާ ބުނީ، މިއަދުގެ މެޗުގައި ރާއްޖެ ކޮޅަށް ވަން ލަނޑުގެ އަދަދު މަދުކުރެވިފައިވާތީ ހުރިހާ ކުޅުންތެރީންނަށް ވެސް ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.
"އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްކޮޅަށް ޖެހި ލަނޑުތަކަށް ވުރެ މިއަދުގެ މެޗުގައި ޖެހި ލަނޑުތައް މަދު ކުރެވުމުން ހުރިހާ ކުޅުންތެރީން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައި،" މެޗާ ބެހޭ ގޮތުން ޖަޑާ ބުންޏެވެ. "މި މެޗުތަކުން އަޅުގަނޑުމެންގެ ކުޅުންތެރީންނަށް ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު ހުންނާނީ ރަނގަޅު ތަޖްރިބާތަކެއް ލިބިފައި."
މި މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް "އޭ"ގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހުގެ 21 ވަނަ ދުވަހު ނުކުންނާނީ، ކޮރެއާގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެވެ.
"ކޮރެއާއަކީ މުޅި އޭޝިއާގެވެސް އެންމެ ވަރުގަދަ އެއް ޓީމު. އެހެންވީމާ މިއަދުގެ މެޗުގައި ދިފާއުކުރި ގޮތަށް ކޮރެއާ ޓީމާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އަހަރެމެން ޖެހޭނެ ވަރުގަދައަށް ދިފާއުކޮށްގެން ކުޅެން،" ކުރިއަށް އޮތް މެޗާބެހޭ ގޮތުން ޖަޑާ ބުން
ފީފާގެ އަންހެން ފުޓްބޯޅަ ރޭންކިންއަށް ބަލާއިރު ދުނިޔޭގެ 11 ވަނައިގައި އަދި، އޭޝިއާ ސަރަހައްދުގެ ތިން ވަނައިގައި މިވަގުތު އޮތީ ކޮރެއާ އެވެ. ދުނިޔޭގެ ރޭންކިންގައި ރާއްޖެ 113 ވަނައިގައި އޮތްއިިރު އޭޝިއާގައި ރާއްޖެ އޮތީ 13 ވަނައިގައެވެ.