ޖޫބާ : ސޫދާން ދެބައިކޮށް އެޤައުމުގެ ދެކުނުގައި ދިރިއުޅޭ އެފްރިކާ ދަރިކޮޅުގެ މީހުންނަށް ވަކިދައުލަތެއް އުފެއްދުމާބެހޭގޮތުންނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ދެކުނުގެ ގިނަބަޔަކު މިކަމަށް ތާއީދުކުރާކަން ހާމަވެއްޖެވެ.

ވޯޓުނެގި ބައެއް ސަރަޙައްދުތަކުގެ ވަގުތީ ނަތީޖާއާ ޙަވާލާދީ އދ. ގެ ހައިކޮމިޝަނުން ބުނިގޮތުގައި މިސަރަޙައްދުތަކުގައި ވޯޓުލީ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުން ތާއީދުކުރަނީ ދެކުނުގައި ވަކިދައުލަތެއް އުފެއްދުމަށެވެ.

ސޫދާން ބައިކޮށްލުމާބެހޭ ގޮތުން އދ. ން ނިންމާފައިވަނީ ދެކުނުގެ އެފްރިކާ ދަރިކޮޅުގެ 60 އިންސައްތަ މީހުން ވޯޓުގައި ބައިވެރިވެ އޭގެތެރެއިން 51 ޕަސެންޓް މީހުން މިކަމަށް ތާއީދު ކޮށްފިނަމަ ސޫދާނުގެ ދެކުނުގައި ވަކި ދައުލަތެއް އުފެއްދުމަށެވެ.

ސޫދާނަކީ އެފްރިކާގެ އެންމެ ބޮޑު ޤައުމެވެ. އަދި އެއީ ޢަރަބި ޤައުމުތަކުގެ ތެރެއިންވެސް އެންމެ ބިންބޮޑު އަދި ދަނޑުވެރި ބިންތަކާއި ފެންފަދަ ތަބީޢީ ވަސީލަތްތައް އެންމެ ގިނަ ޤައުމެވެ. ނަމަވެސް ސޫދާނުގެ ދެކުނުގެ އެފްރިކާ ދަރިކޮޅުގެ މީހުންނާއި އުތުރުގެ ޢަރަބި ދަރިކޮޅުގެ މީހުންނާ ދެމެދު ފަންސަވީހަކަށް އަހަރު ކުރިޔަށްދިޔަ ހަނގުރާމަ ނިމިފައިވަނީ މީގެ އެންމެ ފަސްވަރަކަށް އަހަރު ކުރިންނެވެ.

ސުދާނަކީ ޢަރަބި އިސްލާމީ ޤައުމަކަށްވާތީ އެޤައުމު ބައިކޮށްލުމުގެ ފަހަތުގައި ހުޅަނގުގެ ރޭވުންތައް ވާކަމަށް އެޤައުމުގެ އުތުރުގެ ޢަރަބި ދަރިކޮޅުގެ މީހުން ދެކެއެވެ. ސުދާނުގެ ދެކުނުގެ އެފްރިކާ ދަރިކޮޅުގެ މީހުން ދެކޭގޮތުގައި ސޫދާން ސަރުކާރުން އެމީހުންގެ ޙައްޤުތަކަށް އަރައިގަނެ އެމީހުންނާމެދު ވަނީ އިހްމާލް ވެފައެވެ.

މަދަނީ އަދި ސިޔާސީ ޙައްޤުތައް ނުލިބިގެން ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ޙަރަކާތްތައް ސޫދާންގެ އިތުރުން ދުނިޔޭގެ އެތަށް ޤައުމެއްގައި ކުރިޔަށްދެއެވެ. ނަމަވެސް އދ. ވަދެގެން މިފަދަ އެއްވެސް ޤައުމެއް މިގޮތަށް ބައިކޮށްލަން މަސައްކަތްކޮށްފައިނުވާކަމަށް ސޫދާން ސަރުކާރު ބުނެއެވެ. ސޫދާން ދެބައިކޮށްލުމަށް ނެގި ވޯޓަށް ސޫދާނުގެ ސަރުކާރުން އެއްބާރުލުން ދެމުން ގެންދަނީ ހުޅަނގުގެ ފިއްތުންތަކާގުޅިގެން މަޖްބޫރީ ހާލަތުގައި ކަމަށް ޚަބަރުތައް ބުނެއެވެ. ސުދާނުގެ ދެކުނުގެ އާބާދީގެ ގާތްގަނޑަކަށް 85 ޕަސެންޓަކީ ޣައިރު މުސްލިމުންނެވެ. މީގެތެރޭގައި ގިނައީ ނަސަރާއިންނެވެ. އަދި ސޫދާންގެ އުތުރުގެ އާބާދީގެ 90 ޕަސެންޓަކީ މުސްލިމުންނެވެ.

ސޫދާން ބައިކޮށްލުމުގެ ފަހަތުގައި އިސްރާއީލުވެސް ވާކަމަށާއި އިސްރާއީލުގެ ބޭނުމަކީ ސޫދާނުގެ ދެކުނުގައި އުފައްދާ ނަސާރާ ދައުލަތާ ގުޅިގެން، އުތުރު ސޫދާނަށާއި މިސްރަށް ލިބޭ ނީލަކޯރުގެ ފެންމަދުކޮށް މިދެޤައުމަށް ގެއްލުން ދީ ދަތިކުރުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ވަކިވެގަތުމަށް މަސައްކަތްކުރާ ސޫދާނުގެ ދެކުނުގެ ލީޑަރުންނާއެކު އިސްރާއީލުވަނީ ވަރަށް ކުރީއްސުރެ ގުޅުންތައް އުފައްދާފައެވެ.