17 Sep 2014, 18:19
އަންނަ ހުކުރު ދުވަހު ދެކުނު ކޮރެއާގެ އިންޗިއޯން ސިޓީގައި ފަށާ 17 ވަނަ އޭޝިއަން ގޭމްސް ގައި ވާދަކުރާ ރާއްޖެއާއި ބޫޓާން އަދި އީސްޓް ޓީމޯ ހިމެނެނީ އަދިވެސް ގޭމްސްގެ ތާރީހުގައި މެޑައްޔަކާ ހަމައަށް ނުދެވި ތިބި ގައުމުތަކުގެ ލިސްޓުގައެވެ.
އޭޝިއާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ފެސްޓިވަލުގައި ދިވެހިރާއްޖެއިން މިފަހަރު 143 އެތްލީޓުން އެކި ކުޅިވަރުތަކުގައި ވާދަކުރާނެއެވެ. މި އަދަދަކީ އެންމެ ފަހުން ޗައިނާގެ ގުއަންޒޫގައި ބޭއްވި 16 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓްގެ ފަރާތުން ބައިވެރިވި އެތްލީޓުންގެ ދެ ގުނަ ބޮޑު އަދަދެކެވެ.
މިފަހަރަކީ ރާއްޖެ އޭޝިއަން ގޭމްސް ގައި ވާދަކުރާ ހަތްވަނަ ފަހަރެވެ.
މިފަހަރުގެ ގޭމްސް ގައި އޭޝިއާ ބައްރުގެ 45 ގައުމަކުން އެތައް ހާސް އެތްލީޓުންނެއް 35 ކުޅިވަރެއްގައި ވާދަކުރާނެއެވެ.
އޭޝިއަން ގޭމްސް ގެ މެޑަލް ލިސްޓުގެ އެންމެ ކުރީގައިވަނީ 2650 މެޑައްޔާއެކު ޖަޕާނެވެ. 2553 މެޑައްޔާއެކު ދެވަނައިގައި ޗައިނާ ވާއިރު 1822 މެޑަލް ހޯދައިގެން ތިން ވަނައިގައި ވަނީ މިފަހަރުގެ ގޭމްސް ބާއްވާ ދެކުނު ކޮރެއާއެވެ.
މިފަހަރުގެ ގޭމްސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.