17 Sep 2014, 18:12
އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އެ ކްލަބުގެ ލެޖެންޑަރީ ކޯޗު ސްކޮޓްލޭންޑްގެ ސާ އެލެކްސް ފާގަސަން އަށް ޝުކުރު އަދާކޮށްފި އެވެ.
ޔުނައިޓެޑް ގައި ރޫނީ އުޅޭތާ 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި އިންޓަވިއު އެއްގައި މެންޔޫ ޓީވީއަށް މައުލޫމާތު ދެމުން ރޫނީ ބުނީ ފާގަސަން އަކީ އޭނާ އާ ދިމާވި އެންމެ މޮޅު ކޯޗު ކަމަށާއި ފާގަސަން އޭނާއަށް ވެދިން ހުރިހާ އެހީއަކަށް ޝުކުރު އަދާ ކުރާ ކަމުގައެވެ. އަދި މިހާރު ޔުނައިޓްގައި ހޭދަކުރަނީ ހަޔާތުގަވެސް އެންމެ އުފާވެރި ދުވަސްތައް ކަމަށާއި އިތުރު ފަސް އަހަރަށް ޔުނައިޓެޑްގައި މަޑުކުރުމަށް ބޭނުންވާ ކަމަށް ރޫނީ ބުންޏެވެ.
" ފާގަސަން އަކީ މޮޅު މެނޭޖަރެއް. އޭނާ އަކީ ފުޓްބޯޅަ ދެކެ ލޯބިވާ ޔުނައިޓެޑަށް މުހިއްމު މީހެއް. އަހަރެން ކުޑައިރު އެވަޓަން ދޫކޮށް ޔުނައިޓެޑަށް ބަދަލުވީ. ފާގަސަން ވަނީ އަހަރެންނަށް އިތުބާރުކޮށް އަހަރެން މިހާ ހިސާބަށް ގެނައުމަށްޓަކައި ގިނަ މަސަތްކަތްތަކެއް ކޮށްފައި. ކުރެވޭނެ އެންމެ ރަނގަޅަށް އަހަރުމެން ޓްރޭއިން ކޮށް ދުނިޔޭގެ ޗެމްޕިއަނުންނަށް ވެސް އަހަރުމެން ހަދައިދިން. އެ ހުރިހާ ކަމަކަށް އަހަރެން އޭނާ އަށް ޝުކުރު އަދާ ކުރަން،" ރޫނީ ބުންޏެވެ.
އުމުރުން 28 އަހަރުގެ ރޫނީ ވަނީ މިދިޔަ އަހަރު މެންޗެސްޓާގެ މެނޭޖަރެއްގެ ގޮތުގައި ފާގަސަންގެ އެންމެ ފަހު މެޗައްފަހު ކްލަބް ދޫކޮށްލަން ފާގަސަން ކައިރިން އެދިފައެވެ. އެފަހަރު ވާދަވެރި ޗެލްސީން ރޫނީ ގަންނަން އުޅޭ ކަމުގެ ވާހަކަތައް ވަރަށް ހޫނުކޮށް ދެކެވުނެވެ.
އެހެންނަމަވެސް ރޫނީ ވަނީ އާ ކޮންޓްރެކްޓެއްގައި ސޮއިކޮށް ޔުނައިޓެޑް ގައި މަޑުކުރަން ނިންމާފައެވެ. އާ ކޯޗު ނެދަލޭންޑްސް ގެ ލުއިސް ވެން ހާލް ވަނީ ކޯޗު ކަމާ ހަވާލުވުމަށްފަހު ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ރޫނީ އާ ހަވާލުކޮށްފައެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑް އެންމެ ފަހުން މޮޅުވި މެޗުގައި ރޫނީ ވަނީ ގޯލެއް ކާމިޔާބުކޮށް އިތުރު އެސިސްޓެއް ވެސް ކޮށްދީފައެވެ.