ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބްތަކުގެ ކުޅުންތެރިން ބޮޑުއަގު ދީފައި ގެންދެވުނު ނަމަވެސް ބަޔާން މިއުނިކްގެ ކުޅުންތެރިން ގެންދާނެހާ ހިތްވަރެއް މެންޗެސްޓާ ޔުނައިޓެޑްގެ ކިބައިގައި ނެތްކަމަށް ބަޔާންގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އެންޖެލް ޑި މަރިއާ އާއި ރަޑަމެލް ފަލްކައޯ އާއި އެންޑަސަން ހެރޭރާއާއި ޑޭލީ ބްލައިންޑް އާއި މާކޮސް ރޯޖޯ އަދި ލޫކް ޝޯ ފަދަ ޔޫރަޕްގައި ނަން މަޝްހޫރު ކުޅުންތެރިން ގަތުމަށް ޔުނައިޓެޑުން ވަނީ މިފަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފާގައި 175 މިލިއަން ޔޫރޯ ހޭދަ ކޮށްފައެވެ.

ބަޔާންގެ ބާސްޓިއަން ޝްވެންސްޓީގާ އާއި އާރްޔެން ރޮބެން އަދި ތޯމަސް މުލާ ގެންދަން ވެސް މެންޗެސްޓާއިން މިފަހަރު މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ގާޑިއޮލާ ބުނީ އެއީ ވާނެ ކަމެއް ނޫން ކަމަށާއި ވެން ހާލްމެންގެ އެވަރުގެ ފޯރުންތެރިކަމެއް ނެތް ކަމަށެވެ.

"މެންޔޫ އަތަކު އެހާބައިވަރު ފައިސާއެއް ނެތް. އެމީހުން ވަރަށް ހަރަދު ކޮށްފައި އޮތީ ކުޅުންތެރިން ގެންނަން. އެއީ ހަމަ ރަނގަޅު ކަމެއް،" ގާޑިއޯލާ ބުންޏެވެ.

ބަޔާން މިއުނިކްގެ ކޯޗު ބުނީ މެންޗެސްޓާގެ އެފަދަ ހުށަހެޅުންތަކަށް އިންކާރު ކުރުމަކީ އެ ކްލަބަށް ފިލާވަޅެއް ދަސްވާނެ ކަމެއް ކަމަށެވެ.

"އިންކާރު ކޮށްލުން އެއީ އަހަރެމެން ކުރި ރަނގަޅު ކަމެއް. އޭރަށް އެމީހުންނަށް ވެސް ފިލާވަޅެއް ދަސްވާނެ. އޭރުން އެމީހުންނަށް އެނގޭ އެމީހުންނަކީ ވެސް ބަލި ނުކުރެވޭނެ ބައެއް ނޫން ކަން،" ޕެޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރާއްޖޭގަޑިން މިރޭ 11:45ގައި ބަޔާން ނުކުންނައިރު އެ ޓީމުގެ ކުޅުންތެރިންގެ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ރޮބެން މިހާރު ހުރީ މެޗު ކުޅެން ފިޓްވެފައި ކަމަށެވެ. ނަމަވެސް ފްރޭންކް ރިބެރީ އަދިވެސް ހުރީ އިންޖަރީގައި ކަމަށް ގާޑިއޮލާ ބުންޏެވެ.