17 Sep 2014, 17:48
ކޮރެއާގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ އީރާންގެ ފުޓްބޯޅަ ޓީމުގެ އޮފިޝަލަކު މިފަހަރުގެ ގޭމްސް ބާއްވާ އިންޗިއޯން ސިޓީ ކައިރީގައިވާ ފުޓްބޯޅަ ސްޓޭޑިއަމެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކޮރެއާގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އޭޝިއަން ގޭމްސްގެ އޮގަނައިޒިންގް ކޮމިޓީގެ މެމްބަރު ބްރޫސް ލީ ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވެނީ އީރާން ފުޓްބޯޅަ ޓީމުގައި ހިމެނޭ 38 އަހަރުގެ އޮފިޝަލަކަށް ކަމަށެވެ.
ބްރޫސް ލީ ވިދާޅުވީ އެ މައްސަލަ އާ ގުޅިގެން ފުލުހުންގެ ތަހުގީގު ޓީމުން އޭނާ އާ ސުވާލުކުރުމުން އަންހެނެއްގެ ހަށިގަނޑުގައި އަތްލި ކަމަށާއި އެހެން ނަމަވެސް އެއީ ޖިންސީ ގޯނާ ކުރުން ކަމަށް ގަބޫލު ނުކުރާ ކަމަށް ތަހުގީގުގައި އޭނާ ބުނެފައިވާކަމަށެވެ.
ބްރޫސް ލީ އިތުރަށް ވިދާޅުވީ މި މައްސަލަ އާ ގުޅިގެން އެ ފިރިހެން މީހާ ހައްޔަރު ނުކުރާ ކަމަށާއި އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އީރާންގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި މިއަދު ވިއެޓްނާމް އާ ދެކޮޅަށް ނުކުންނާނެއެވެ.