އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު މިރޭ ރަށުން ބޭރުގައި ނުކުންނާނީ، ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާ ދެކޮޅަށެވެ. މި މެޗަކީ ސިތީގެ މިފަހަރުގެ އުންމީދުތަކުގައި ފުރިހަމަ ކުލައެއް ޖެއްސުމަށްޓަކައި، ކުރިމަތިލާން ޖެހޭނެ އެންމެ ވަރުގަދަ ކުރިމަތިލުމަށް ވެގެންދާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

މިރޭގެ މެޗަށް ނުކުންނައިރު ސިޓީއަށް އޮތް އެންމެ ބޮޑު ހިތްދަތިކަމަކީ އަދި މިއަދާ ހަމައަށް ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެވިފައި ނެތުމެވެ. މިއީ ގަބޫލް ކުރަންޖެހޭ ހަގީގަތެކެވެ. އެންމެ ފަހުގެ ދެ މުބާރާތުގައި ވެސް އެ ޓީމު ޖެހުނީ ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތަށް އަލްވަދާއު ކިޔާށެވެ. އެހެން ނަމަވެސް ސިޓީއަށް މިރޭގެ މެޗާ ކުރިމަތިލާއިރު ހިތްހަމަޖެހުމެއް ވެސް އެބައޮތެވެ. އެއީ މިދެ ޓީމު އެންމެ ފަހުން ބަޔާންގެ އަލިއާންޒް އެރީނާގައި ކުރިމަތިލި މެޗުގެ ނަތީޖާއެވެ. އެ މެޗް 3-2 ން ކާމިޔާބު ކުރީ ސިޓީ އިންނެވެ.

ދުބާއީގެ މަހުޖަނުން 2008 ވަނަ އަހަރު ސިޓީ ގަތުމަށްފަހު އެޓީމަށް ޗެމްޕިއަންސް ލީގުގައި ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވިފައިވަނީ އެންމެ ފަހަރަކު އެވެ. ކޮންމެ ޓްރާންސްފާ މޫސުމެއްގައިވެސް ބޮޑު އަގުގައި ކުޅުންތެރިން ގަނެ ޓީމު ވަރުގަދަ ކުރެއެވެ. ސިޓީގައި މޮޅު ކުޅުންތެރިން އެބަ ތިއްބެވެ. ކޮންމެ ޑިޕާޓްމެންޓަކުންވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނެވެ. ޑިފެންސް ލައިނުގައި ހުރީ ކޮންމެ ފޯވާޑެއްވެސް ޖެހިލުންވާނެ ބެލްޖިއަމްގެ ވަރުގަދަ ކޮމްޕެނީއެވެ. ސިޓީގެ މެދު ތެރޭގައި ސިލްވާ އާއި ޓޫރޭ މެންގެ ފެންވަރު ހުރި އިރު ފޯވަޑް ލައިނުގައި ތިބީ ހުނަރުން ފުރިގެންވާ ފޯވަޑެކެވެ. ފާހަގަކޮށްލެވޭ ވަރުގަދަ ޓީމެކެވެ.

ސިޓީ ވަނީ ވޭތުވެދިޔަ 3 ސީޒަންގައި 2 ފަހަރު ޕްރިމިއަ ލީގު ކާމިޔާބުކޮށް އިނގިރޭސި އެފްއޭ ކަޕާއި ކޮމިއުނިޓީ ޝީލްޑެއްވެސް ހޯދައިފައިވެއެވެ. ޑޮމެސްޓިކް ލީގުގައި ކާމިޔާބު ލިބުނަސް ޗެމްޕިއަންސް ލީގުގައި އަދި ދެއްކެނީ ލަދު ގަންނަން ޖެހޭ ފަދަ ނަތީޖާ ތަކެވެ.

ސިޓީއަކީ ޗެމްޕިއަންސް ލީގުގެ ތައްޓަށް ވާދަކުރެވޭ ފެންވަރު ހުރި ޓީމެކެވެ. މިއީ ހުރިހާ އެންމެން ވެސް ގަބޫލް ކުރާ ކަމެކެވެ. ތިން ސީޒަން ތެރޭގައި ދެވަނަ ފަހަރަށް ވާދަވެރިކަން ބޮޑު ޕްރިމިއާ ލީގު ކާމިޔާބު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުކޮށް ސިޓީ އަކީ ޔޫރަޕްގެ އެންމެ މޮޅު ކްލަބު ތަކުގެ ތެރޭގައި ހިމެނޭ ބައެއްކަން އެކްލަބުން ވަނީ ދައްކާލާފައެވެ.

މިސީޒަންގެ މުބާރާތާ ސިޓީ ކުރިމަތިލާއިރު ކޯޗު މެނުއެލް ޕެލެގްރިނީގެ މިފަހަރުގެ އަމާޒަކަށް ވާން ޖެހޭނީ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިއުމެއް ނޫންކަން ޔަގީނެވެ. ސިޓީގެ މައްޗަށް އޮތް ޕްރެޝަރު ކުޑަ ކުރުމަށްޓަކައި މިފަހަރު ރަނގަޅު ހިސާބަކަށް ދަތުރު ކުރަން ޖެހެއެވެ. ސެމީ ފައިނަލް ނުވަތަ ފައިނަލަށެވެ. މިހާރު ޔޫރަޕްގެ ގަދަ ބާރުތައް ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ބަޔާން މިއުނިކް ފަދަ ޓީމުތަކާ ވާދަކޮށް މުބާރާތުގެ ތަށި އުފުލާލުމުގެ ފެންވަރު ސިޓީގައި އެބަހުއްޓެވެ.

ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި ސިޓީއަށް ކުޅުންތެރިން ބަދަލުވަނީ ގިނަ ފަހަރަށް ފުޓްބޯޅައިގައި ކާމިޔާބީ ހޯދާކަށެއް ނޫނެވެ. ސިޓީން ހުށަހަޅާ ބޮޑު މުސާރައެއްގެ ސަބަބުންނެވެ. ކްލަބަށް ކާމިޔާބީ ހޯދަން ކުޅުންތެރިން ބޭނުން ނުވަނީ ކަމަށްވެސް ވެދާނެއެވެ. ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ މުއްސަނދި ކްލަބަކަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ނުދެވެންވީ ކީއްވެ ހެއްޔެވެ؟ މިއީ ސިޓީގެ ސަޕޯޓަރުންގެ އިތުރުން ފުޓްބޯޅަ ބަލާ ކޮންމެ މީހެއްގެ ހިތުގައިވެސް އުފުދޭ ސުވާލެކެވެ.

މިހާރު ސިޓީގެ ކޯޗަކީ ޗެމްޕިއަންސް ލީގުގައި އެހާ ކާމިޔާބު ކޯޗެއް ނޫނެވެ. ފާހަގަކޮށްލެވޭ ކާމިޔާބަކަށް އޮތީ 2006 ވަނަ އަހަރު ވިޔަރެއާލް ގޮވައިގެން ސެމީއާ ހަމައަށް ދަތުރުކޮށް މީގެ ތިން އަހަރު ކުރިން މަލާގާ އާއެކީ ރަނގަޅު ހިސާބަކަށް ދިއުމެވެ.

މެންޗްސްޓާ ސިޓީން މިފަހަރު ޗެމްޕިއަންސް ލީގަށް އިސްކަންދޭން ޖެހޭއިރު ޑޮމެސްޓިކް ލީގުގައި އެމީހުންގެ ފެށުން ރަނގަޅެއް ނޫނެވެ. ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ ފަސް ވަނައިގައެވެ.
މިފަހަރަކީ ޗިލީ ކޯޗު ޕެލެގްރިނީގެ ސިޓީއަށް ކުރިމަތިވާނެ ބޮޑު އިމްތިހާނެއްކަން ޔަގީނެވެ. އެމީހުންގެ ޔޫރަޕްގެ ދަތުރު ފަށާނީ މިރޭ ރަށުން ބޭރުގައި ވަރުގަދަ ބަޔާން މިއުނިކާ ދެކޮޅަށެވެ.

ސިޓީ ޖަރުމަން ޓީމާ ބައްދަލުކުރާއިރު ޕެޕް ގާޑިއޯލާގެ ޓީމަށްވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައެވެ. ރިބެރީ، ހާވީ މާޓިނޭޒް، ޓިއާގޯ ގެ އިތުރުން ވޯލްޑް ކަޕުގައި ރަނގަޅު ކުޅުމެއް ދެއްކި ބަސްޓިއަން ޝްވައިންސްޓައިގާ ވެސް ހުރީ އަނިޔާގައެވެ. މީގެ އިތުރުން އިތުބާރު ވިންގާ އަރްޔެން ރޮބެންއަށް ކުޅެވޭނެކަމާމެދު ވަނީ ޝައްކު އުފެދިފައެވެ. މި ހުރިހާ ކަމަކަށް ބަލާއިރު މިރޭ ދެވަނަ ފަހަރަށް ޖަރުމަނުގެ ސަޕޯޓަރުން މާޔޫސްކޮށްލުމަކީ ސިޓީ އަށް ކުރެވިދާނެ ކަމެކެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި މެންޗްސްޓާ ސިޓީއާއި ބަޔާން ބައްދަލުރާނީ ޖަރުމަނުގެ އަލިއާންޒް އެރީނާގައި ރާއްޖޭ ގަޑިން މިރޭ 11:45ގައެވެ.