ގާނޫނުގައި ބުނެފައިވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައި އިންތިހާބު ފަސްކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

އެމްޖޭއޭ އިން މިއަދު ނެރެެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދެ ވަނަ ނަމްބަރުގައި ބުނެފައި ވަނީ "މިނިސްޓްރީ އިން އާންމުކޮށް އިއުލާން ކުރުމުން ކުރިމަތިލާ މީހުންގެ ތެރެއިން، މިނިސްޓްރީ އިން ހުށަހަޅާ 14 (ސާދަ) މީހުން ކުރެ، އެންމެ ގިނަ ވޯޓު ލިބުނު 7 (ހަތެއް) މީހުން" އިންތިހާބު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިދިޔަ ހަފްތާގައި މިނިސްޓްރީން ކުރި އިޢުލާނެއްގައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މީޑިއާ ކައުންސިލްގެ އިންތިހާބުގައި އާންމުގެ ފަރާތުން ހަތް މީހަކު ހޮވުމަށް 12 ފަރާތެއްގެ ނަން ހުށަހަޅާފައިވާ ކަަމަށް ބުނެފައި ވާތީ ގާނޫނުގައި ބުނެފައިވާ އަދަދު ހަމަނުވާތީ އެ ޖަމިއްޔާ އިން ވަނީ އަލުން ފުރުސަތު ހުޅުވާލުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވައިލައިފި އެެވެ.

"އާންމުންގެ ފަރާތުން 7 ބޭފުޅުން ހޮވުމަށް މީޑިއާ އިންސިޓިއުޝަންތަކުގެ ވޯޓަށް 12 ބޭފުޅެއްގެ ނަން ހުށަހެޅީ ހޯމް މިނިސްޓްރީ އިތުރު މަސައްކަތެއް ކުރުމަކާ ނުލައި ފުރަތަމަ ހުށަހެޅި ނަންތައްކަން ފާހަގަކުރަމެވެ. އެހެން ކަމާ އެކު މި މަހު 25 ވަނަ ދުވަހު ބޭއްވުމަށް އިއުލާންކޮށްފައިވާ އިންތިހާބު ފަސްކޮށް އިތުރު ފުރުސަތެއް ދިނުމަށް ގޮވާލަމެވެ. އަދި މީޑިއާ ކައުންސިލްގެ މުއްދަތު ހަމަވި ފަހުން ދެ މިނިސްޓްރީއަކުން އެ މަސައްކަތްކޮށްފައި ވާތީ އާންމުނަށާއި މީޑިއާގެ ފަރާތްތަކަށް އެކަމުގައި އޮޅުންތަކެއް އަރާފައިވާ ކަން ވެސް ގަބޫލު ކުރެވެއެވެ.،" އެ ޖަމިއްޔޭގެ ނޫސް ބަޔާނުގައިވެ އެވެ.

ހޯމް މިނިސްޓްރީގެ ލީގަލް ސެކްޝަންގައި އަދި މީޑިއާ ކައުންސިލް އިންތިހާބާ ބެހޭ ކޮމިޓީގެ ވެސް މެމްބަރަކު ސަން އަށް މިއަދު ވިދާޅުވީ އެ ކައުންސިލަށް އާއްމުންގެ ތެެރެއިން ހަތް މެމްބަރަކު ހޮވުމަށް ގަދަ ކަމުން މެމްބަރު ހަމަކުރަން ގާނޫނުގައި ނޯންނަ ކަމަށެވެ. އަދި އެކަމަށް ހުޅުވާލާ ފުރުސަތުގައި ކުރިމަތިލި އަދަދަކީ 12 ކަމުގައިވާ ނަމަ އެ އަދަދު، ހަތް ބޭފުޅުން ހަމަ ކުރުމަށް ފޮނުވިދާނެ ކަމަށެވެ. އަދި އާއްމު މެމްބަރުން ހޮވުމަށް 14 މެމްބަރުން ހަމަކުރަން ގާނޫނު ލާޒިމް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމް މިނިސްޓަރު އެގޮތަށް ނިންމަވާފައި ވަނީ ގާނޫނީ ލަފާ ހޯދަން ޖެހޭ ފަރާތްތަކުގެ ލަފާ ވެސް ހޯދުމަށް ފަހު ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.