17 Sep 2014, 16:49
ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހެލްތު މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު މަސައްކަތްތައް ކުރުމަށް މާދަމާ ޓެންޑާ އަށް ހުޅުވާލާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ދެރަށެއްގެ ހޮސްޕިޓަލާއި ހެލްތު ސެންޓަރު މަރާމާތުކުރަން ބަޔަކާ ހަވާލުކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ދެ އޮޕަރޭޝަން ތިއޭޓަރާއި އިތުރަށް ފެންވަރު ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ހިމެނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލަފާކުރެވޭ ގޮތުގައި މާދަމާ ޓެންޑާއަށް ހުޅުވާލުމުން އެ މަސައްކަތް ކުރުމަށް އަންނަ މަހު ފެށޭ ހިސާބުގައި ބަޔަކާ ހަވާލުކުރެވި ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން ކުރަމުން އަންނަ މަސައްކަތް ނިމުމަކަށް އަންނާނެ ކަމަށެވެ.
މިއަދު މަރާމާތު ކުރަން ހަވާލުކޮށްފައި ވަނީ ތިނަދޫގައި ހިންގަމުން އަންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ބ. ދަރަވަންދޫ ހެލްތު ސެންޓަރެވެ. އެ ދެތަން ވެސް މަރަމާތުކުރަން ބަޔަކާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.
އެގޮތުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑީއެންއެމް ހާޑްވެއާ އަށެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 60 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 630،700 ރުފިޔާގެ އަގަކަށެވެ. އެ ކުންފުންޏަށް ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކަރަންޓް ވައިރިން ބަދަލުކުރުމާއި ފާޚާނާތައް މަރާމާތުކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.
ބ. ދަރަވަންދޫ ހެލްތު ސެންޓަރު މަރާމާތު ކުރަން ހަވާލުކޮށްފައި ވަނީ ލަތީފް ކޮންސްޓްރަކްޝަންސް އާ އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 47 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 1،179،528 ރުފިޔާގެ އަގަކަށެވެ. އެ ކުންފުންޏަށް ހަވާލުވެފައިވާ މަސައްކަތްތަކުގެ ތެރޭގައި ވެސް ތަށިމުށި ޖެހުމާއި ފާޚާނާގެ މަސައްކަތްތަކުގެ އިތުރުން ޕޯޓިކޯ ހެދުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.