ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައުލޫމާތު ހިއްސާ ކުރި ނަމަވެސް އެ ބިދޭސީއަކާ މެދު ފިޔަވަޅު އެޅުމަށް އެ މައުލޫމާތުތައް ބޭނުން ނުކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިޕާޓްމަންޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މި އަހަރު ކުރިއަށް ގެންދާ ބޯހިމެނުމުގެ ތެރޭގައި ގަވައިދާ ހިލާފަށް އެއްވެސް ފަރާތަކުން ބިދޭސީއަކު ގެންގުޅުނަސް އެ މައުލޫމާތު އެ ފަރާތަކާ ހިއްސާ ނުކުރާނެ ކަމަށެވެ.

"އެހެންކަމުން ބޯހިމެނުގައި އެއްކުރެވޭ މައުލޫމަތަކީ ގަވައިދާއި ހިލާފަށް އުޅޭ ފަރާތްތަކާ މެދު އަދި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ބޭނުންކުރާނެ މައުލޫމާތެއް ނޫން ކަމުގައި އަންގާ އިއުލާންކުރަމެވެ." އިމިގްރޭޝަން ޑިޕާޓްމަންޓުގެ ނޫސް ބަޔާނުގައިވެ އެވެ.

މަސައްކަތްތައް ކުރުމަށް މީހުން ގެންގުޅޭ ފަރާތްތަކުން ގެންގުޅޭ ބިދޭސީންގެ މައުލޫމާތުތައް ބޯހިމަނާ ޓީމްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ވެސް އިމިގްރޭޝަން އެންޑް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި މަހުގެ 20 ން 27 ރާއްޖޭގައި ހިންގާ ހިންގަން ހަމަޖެހިފައިވާ ބޯހިމެނުމުގައި ޓޫރިސްޓުން ފިޔަވައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާ ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ.