ވޮޝިންޓަން : އެމެރިކާއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ހޫޖިންޓާއޮ އާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވައިޓް ހައުސްގައި ބައްދަލު ކުރައްވައިފިއެވެ. ދެބޭފުޅުންގެ މަޝްވަރާތައް ބިނާކުރެއްވީ ބައިނަލްއަޤްވާމީ މައްސަލަތަކާއި ދެޤައުމުގެ ދެމެދުގައިވާ މައްސަލަތަކުގެ މައްޗަށް ކަމަށް ވައިޓް ހައުސް އިން ބުނެއެވެ.

ބައިނަލްއަޤްވާމީ މައްސަލަތަކަށް ބަލާއިރު ދެބޭފުޅުން މަޝްވަރާ ކުރެއްވީ ދުނިޔޭގެ އިޤްތިސާދާބެހޭ މައްސަލަތަކާއި އިންސާނީ ޙައްޤުތަކުގެ އިތުރުން އަދުގެ ދުނިޔޭގެ މަސްރަޙާބެހޭ ގޮތުންނެެވެ. ޗައިނާގެ ރައްޔިތުންގެ އިންސާނީ ހަޢްޤުތަކަށް ޗައިނާ ސަރުކާރުން އަރައިގަންނަމުންދާ ކަމަށް އެމެރިކާ ބުނާއިރު އެމެރިކާގެ އެކިދަރިކޮޅުތަކުގެ މެދުގައި ނަސްލީ އިމްތިޔުާޒު އޮންނަ މައްސަލައާއި ޓެރަރިޒަމާ އިދިކޮޅުނަމުގައި ޢިރާޤާއި އަފްޣާނިސްތާނުގައި އެެމެރިކާ ހިންގާ ހަރުކަށި ޢަމަލުތަކުގައި އެމެރިކާއިން ފުޅާދާއިރާއެއްގައި އިންސާނީ ހަޢްޤުތަކަށް އަރައިގަންނަމުން ދާ ކަމަށް ޗައިނާ ބުނެއެވެ.

ދެޤައުމުގެ މައްސަލަތަކަށްބަލާއިރު ދެބޭފުޅުން މަޝްވަރާ ކުރެއްވީ ޗައިނާއިން އުތުރު ކޮރެޔާގެ ފަހަތުގައިވާ މައްސަލައާއި އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ބެލެންސް ޗައިނާ ކޮޅަށް ބުރަވެފައިވާ މައްސަލައިގެ މައްޗަށެވެ. ޗައިނާގެ ރައީސްގެ ޝަރަފުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ރޭގަނޑުގެ ފަރިއްކޮޅެއް ވައިޓް ހައުސްގައި ބާއްވަވާނެ ކަމަށް ޚަބަރުލިބެއެވެ. މިއީ ވޭތުވެދިޔަ 13 ވަރަކަށް އަހަރު ތެރޭގައި އެމެރިކާގެ ރައީސަކު ޗައިނާގެ ރައީސެއްގެ ޝަރަފުގައި ބާއްވާ ފުރަތަމަ ރަސްމީ ފަރިއްކޮޅެވެ.