17 Sep 2014, 15:19
ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރުމަށް ހުއްދަދީފައި ވަނިކޮށް އަންނަނިކޮށް ޑައުން ގްރޭޑްކުރި ވިލާ އިންޓަނޭޝަނަލް (މާމިގިލީ) އެއާޕޯޓް އަނެއްކާ ވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްފި އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އަލުން ހަމަޖައްސާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެގޮތަށް ހަމަޖެއްސީ އެއާޕޯޓްގައި ސެކިއުރިޓީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންތައްތަކާއި އެގްރީމަންޓްގައި ބުނެފައިވާ ގޮތަށް ބައެއް ކަންކަން އިސްލާހުކޮށް އެކުންފުނިން ހުށަހަޅެޅުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެގްރީމަންޓާ ހިލާފަށް ކަންތައްތަކެއް ކޮށްގެން ޑައުން ގްރޭޑް ކުރީ، އަލުން ރިއިންސްޓޭޓް ކުރީ އެކަންކަން އިސްލާހުކުރީމަ،" އޮފިޝަލް ވިދާޅުވި އެވެ.
ވިލާ ކުންފުނިން ހިންގަމުން އަންނަ އެ އާޕޯޓަކީ 99 އަހަރަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އެ ކުންފުންޏަށް ދީފައިވާ އެއާޕޯޓެކެވެ. އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އެންމެ ފުރަތަމަ ހަމަޖައްސައިފައި ވަނީ ވެސް ރައީސް ވަހީދުގެ ސަރުކާރުންނެވެ.